މޫސުމާ ބެހޭ އެކްޓިވިސްޓް ގްރެޓާ ތަންބަރގް އަދި އޭނާގެ ޓީމު ދަތުރުކުރަމުންދިޔަ މެޑެލީން ބޯޓު.
މޫސުމާ ބެހޭ އެކްޓިވިސްޓް ގްރެޓާ ތަންބަރގް އަދި އޭނާގެ ޓީމު ދަތުރުކުރަމުންދިޔަ މެޑެލީން ބޯޓު.
އެހީގެ ތަކެއްޗާއެކު، މޫސުމާ ބެހޭ އެކްޓިވިސްޓް ގްރެޓާ ތަންބަރގް އަދި އިތުރު 11 މީހަކު ޣައްޒާއަށް ދަތުރުކުރި އެހީގެ ކަނޑު އުޅަނދެއް އިސްރާއީލުގެ ބެލުމުގެ ދަށުން ބަނދަރުކޮށްފި އެވެ.

މެޑްލީން ނަމަކަށް ކިޔާ މި ބޯޓުގައި ނަން މަޝްހޫރު މޫސުމީ ކަންކަމާ ވަކާލާތު ކުރާ އެކްޓިވިސްޓް ގްރެޓާ ތަންބަރގް އާއެކު ދަތުރުކުރި އެކްޓިވިސްޓުންގެ މިދަތުރުގެ މައިގަނޑު މަގްސަދަކީ ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމެވެ. އެހީ ފޯރުކޮށްދިނުމުގެ އިތުރުން، ޣައްޒާއަށް ހުރަސްއެޅުމަށް އިސްރާއީލުން އަޅާފައިވާ ބްލޮކޭޑް އާއި ދެކޮޅަށް މުޒާހަރާ ކުރަން ނިންމާފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މެޑެލީން ބޯޓު ހޯމަ ދުވަހުގެ ވަގުތެއްގައި ވަނީ އިސްރާއީލުގެ އަޝްޑޯޑް ބަނދަރަށް ގާތްކޮށްފައެވެ. މި ބޯޓު ބަނދަރުކުރިކަން ހާމަކޮށް އިސްރާއީލުގެ ފޮރިން މިނިސްޓްރީން ވަނީ ބޯޓުގައި ތިބި އެކްޓިވިސްޓުންގެ ސިއްހީ ޗެކްތައް ހެދުމަށްފަހު، އެމީހުން ފޮނުވާލާނެ ކަމަށް ބުނެފަވެ.

މިބޯޓު ބަނދަރުކުރުމުގެ ކުރިން، ކަނޑުމަތީގައި އިސްރާއީލުގެ ސިފައިން މިބޯޓު ހުއްޓުވިކަމަށް ރިޕޯޓުތައް ބުނެއެވެ.

މިކަމާ ގުޅިގެން ގްރެޓާ ތަންބަރގް ހިމެނޭ މި ޓީމުގެ މި މިޝަން އިންތިޒާމްކުރި ފްރީޑަމް ފްލޮޓިލާ ކޯލިޝަނުން ވަނީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން އިސްރާއީލުން ގާނޫނާ ހިލާފަށް އެބޯޓު އަތުލައިގަތް ކަމަށް ތުހުމަތުކޮށް، މިފަދަ އިންޓަސެޕްޝަން އެއް ކުރުމަކީ ބައިނަލްއަގްވާމީ ގާނޫނާ ހިލާފު ކަމެއް ކަމަށް ބުނެފަ އެވެ.

އިސްރާއީލުގެ އޮފިޝަލުން ވަނީ މި ދަތުރަކީ ޕަބްލިސިޓީ ސްޓަންޓެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އެ ބޯޓުގައި ހުރީ ކުޑަ މިންވަރެއްގެ އެހީ ކަމަށް ބުނެ، މިއީ "އިންސްޓަގްރާމް އެކްޓިވިޒަމް" އެއް ގޮތުގައި ސިފަކޮށްފައިވެ އެވެ.

ސިސިލީން ފުރައިގެން ޣައްޒާއަށް ދަތުރުކުރަމުންދިޔަ މެޑްލީން ވަނީ ދަތުރުމަތީގައި އޮޔާ ދިޔަ ހަތަރު ހިޖުރަވެރިންވެސް ސަލާމަތްކޮށްފަ އެވެ. މިއީ ފާއިތުވި ހަފްތާތަކުގެ ތެރޭގައި ޣައްޒާއަށް އެ ޖަމާއަތުން ކަނޑުމަތީން ކުރި މަސައްކަތުގެ ނާކާމިޔާބު ދެވަނަ ފަހަރެވެ.

ޣައްޒާގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި 2 މިލިއަން މީހުންގެ ތެރެއިން ގިނަ މީހުން ގެދޮރު ދޫކޮށް ދިއުމަށް މަޖުބޫރުވެފައިވާއިރު، އެތައް ބަޔަކު ދަނީ ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންނެވެ. މީގެއިތުރުން އިސްރާއީލުގެ ހަމަލާތަކުގައި 54،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން