ނައިބު ރައީސް، ފޮޓޯ: ރައީސް އޮފީސް
ނައިބު ރައީސް، ފޮޓޯ: ރައީސް އޮފީސް
އިގުތިސާދީ ގޮތުން ވަރުގަދަ އަދި ފުދުންތެރި ދައުލަތެއްގެ ގޮތުގައި ދިވެހި ރާއްޖެ ބިނާކޮށް އާރާސްތުކުރުމަކީ އެންމެހައި ރައްޔިތުންގެ ޒިންމާއެއް ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ 'ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓް ސާވޭ' ރިޕޯޓް ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން ނައިބު ރައީސް ވިދާޅުވީ ވަޒީފާއެއް ނެތް ދިވެއްސަކު ނުހުންނާނޭ މިންވަރަށް މި ގައުމުގައި ފަސް އަހަރުގެ ތެރޭގައި އައު ވަޒީފާތައް އުފެއްދެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ.

އަދި މި އަމާޒަށް ވާސިލުވުމުގައި ވޭތުވެދިޔަ 18 މަސްދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ފެށިފައިވާކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ. އެގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ދިވެހީންނަށް ނޫނީ ވަޒީފާ އަދާ ނުކުރެވޭނެ ދާއިރާތަކެއް ވަޒީރުންގެ މަޖިލީހުން އެކަށައަޅުއްވައި ނިންމެވުމާއި، ސިއްހީ ދާއިރާއާއި، ތައުލީމީ ދާއިރާ ފަދަ ދިވެހީންގެ ޚިދުމަތް މުހިންމު ދާއިރާތަކުން ދިވެހީން އިތުރުކުރުމަށް ޚާއްސަ އިނާޔަތްތައް ތައާރަފުކުރެއްވުމުގެ މަސައްކަތް ފެއްޓެވުން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މީގެ އިތުރުން ގައުމީ ޚިދުމަތުގެ ޕްރޮގްރާމުގެ އިތުރުން ޚާއްސަ އިގްތިސޯދީ މަޝްރޫއުތައް ފެށިފައިވާކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ރާއްޖެއަކީ އިގްތިސޯދީ ގޮތުން ވަރުގަދަ އަދި ފުދުންތެރި ދައުލަތެއްގެ ގޮތުގައި ބިނާކޮށް، އާރާސްތުކުރުމަކީ އެންމެހައި ދިވެހިންގެ ޒިންމާއެއް ކަމަށް ފާހަގަ ކުރަމުން ނައިބު ރައީސް ވަނީ އެ މަސައްކަތުގައި ޝާމިލުވުމަށް އެންމެހާ ދިވެހިންނަށް އިލްތިމާސްކުރައްވާފައެވެ.

އަދި ސަރުކާރުން ފަހިކޮށްދޭ އާމްދަނީ ހޯދުމާއި ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން އޭގެ އެންމެ ފުރިހަމަގޮތުގައި ހިފުމަށް ވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.

ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓް ސާވޭ ރިޕޯޓަކީ މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނާއި، ވޯލްޑް ބޭންކު ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާއެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން