އައްޑޫ ސިޓީ ކައުންސިލް ބައްދަލުވުމެއް- ފޮޓޯ: ކައުންސިލް
އައްޑޫ ސިޓީ ކައުންސިލް ބައްދަލުވުމެއް- ފޮޓޯ: ކައުންސިލް
ލާމަރުކަޒީ ނިޒާމު އުވާަލަން މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅުވާންޖެހޭ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

ކައުންސިލަރުންގެ އަދަދު މަދުކުރުމާ ގުޅޭ ގޮތުން އިއްޔެ ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅާފައެވެ. މި ގަރާރަށް ބަހުސް ކުރަމުން ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ ކައުންސިލްތަކުން މަސައްކަތް ނުކުރާކަމަށް ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ މަޖިލީހުގެ މެމްބަރުން ވާހަކަ ދެއްކެވީ ކައުންސިލްތަކުގެ އަގު ވެއްޓޭ ގޮތަށް ކަމަށާއި، އެ މޭރުމުން ވާހަކަ ދެއްކެވީތީ އެކަމާ ވަރަށް ކަންބޮޑުވާ ކަމަށެވެ.

މޭޔަރ ވިދާޅުވީ އައްޑޫ ސިޓީގެ މުނިސިޕަލް ހިދުމަތްތައް ދިނުމާއި ރަސްމީ ދަތުރުތަކަށް ވެސް ކައުންސިލަރުން ބޭނުން ކުރުމަށް މި ފަހަކާ ޖެހެންދެން އެއްވެސް ވެހިކަލެއް ނެތް ކަމަށެވެ. އެހެންނަމަވެސް، އާމްދަނީން ފަސް މިލިއަން ރުފިޔާ ހަރަދުކޮށް ވެހިކަލް ހޯދައި ކައުންސިލް އިދާރާތަކުގައި ސޯލާ ހަރުކޮށް، މިސްކިތްތަކުގައި ވެސް ސޯލާ ހަރުކުރަން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ނިޒާރު ވިދާޅުވީ ރާއްޖޭގެ ކައުންސިލަކުން އެންމެ ބޮޑު އާމްދަނީގެ ކުރިއެރުން ހޯދައި އަދި އެންމެ ބޮޑު ހަރަދު ސަލާމަތްކުރި ކައުންސިލަކީ އައްޑޫ ސިޓީ ކައުންސިލް ކަމަށެވެ. އެހެންކަމުން އެ ހުރިހާ ކަމަކަށް ބަލާއިރު، ކުރިއެރުން ހޯދިފައި ހުރިކަން ފާހަގަ ކުރެވޭ ކަމަށް ވިދާޅުވިއެވެ.

ހިތަދޫ ކައުންސިލަރު އިބްރާހިމް ޝިނާޒު ވިދާޅުވީ ދައުލަތުގެ ފިސްކަލް ސިޔާސަތަށް ގެނައި ބަަލުތަކާއެކު އާއްމުންނަށް ކަމެއް ކޮށްދެވެން ފެށީ މިފަހުން ކަމަށެވެ.

ރާއްޖޭގެ މާލީ ހާލަތު އޮތީ ގޯސްކޮށް ކަމަށާއި އެކަން ރަނގަޅު ކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވަމުން ޝިނާޒު ވަނީ ސިޔާސީ މަގާމުތަކަށް އެތައް ބަޔަކު އައްޔަން ކޮށްފައި، ކުރާނެ މަސައްކަތެއް ނެތި ގޭގައި ތިބޭ ކަން ފާހަގަ ކޮށްފައެވެ.

ޝިނާޒު ވިދާޅުވީ އެއްވެސް މަޝްވަރާއެއް ނެތި ލާމަރުކަޒީ ނިޒާމަށް ބަދަލުތައް ގެންނަނީ، އެ ނިޒާމާ ދޭތެރޭ ހިތްހަމަނުޖެހޭ ބަޔަކު އަޑީގައި ތިބެގެން ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށާއި، އެހެންނަމަވެސް މިހާރު ފެނިގެންދަނީ އެ ނިޒާމު ފުނޑާލަން އުޅޭ މަންޒަރު ކަމަށް ޝިނާޒު ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ލާމަރުކަޒީ ނިޒާމެއް ނެތި ރަށްތައް ތަރައްޤީ ނުވާނެ ކަމަށެވެ. އަދި ކައުންސިލަރުންގެ އަދަދު މަދުކުރުމަކީ ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ ކަމެއް ކަމަށް ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން