ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް
މާލޭގައި ހަދާ ފުރަތަމަ ޖެނެރަލް ޕްރެކްޓިސް (ޖީޕީ) ކްލިނިކްގެ މަސައްކަތް ކުރިއަށް އޮތް ދޮޅު މަސް ދުވަހުގެ ތެރޭގައި ނިމޭނޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއަކުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޑޮކްޓަރަށް ދެއްކުމަށް ދާ މީހުންގެ ކިއު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

އެގޮތުން އެންމެ ބޮޑު ލުޔެއް ލިބިގެންދާނީ ޖީޕީ ކްލިނިކުތަކުގެ ހިދުމަތް ފެށުމާއެކު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ކްލިނިކަކީ އާއްމު ބަލިތަކަށް ފަރުވާ ދިނުމަށް ޤާއިމުކުރާ ކްލިނިކުތަކެކެވެ.

މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް ދޮޅުމަހުގެ ތެރޭގައި ފުރަތަމަ ޖީޕީ ކްލިނިކު މާލޭގައި ހެދޭނެ ކަމަށެވެ. އަދި މީގެ އިތުރުން ދެވަނަ ޖީޕީ ކްލިނިކެއް ގާއިމް ކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މާލޭގައި 4 ޖީޕީ ކްލިނިކު ހެދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ހުޅުމާލޭގައި 2 ޖީޕީ ކްލިނިކު ހެދުމަށް ވަނީ ނިންމާފައެވެ.

މި ކްލިނިކްތައް ނިންމައި، ހިދުމަތް ދޭން ފެށުމުން ފަރުވާ ހޯދުމުގައާއި ފަރުވާ ދިނުމުގައި ފަސޭހަވެ، އަވަސް ހިދުމަތްތަކެއް ބަލިމީހާއަށް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މައި ހޮސްޕިޓަލްތަކަށް ބާރު ކުޑަވެ، އެމަޖެންސީ ޚިދުމަތްތަކާއި، ސްޕެޝަލިސްޓް ޑޮކްޓަރުންގެ ކިއުތަކަށް ވަރަށް ބޮޑަށް ލުއި ލިބޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން