ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމަށް ގޮވާލައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ރައީސް ޑރ. މުޢިއްޒު ވަނީ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް އައު އަހަރުގެ ތަހުނިޔާ ފޮނުއްވާފައި ކަމަށެވެ.

އެގޮތުން އައުއަހަރުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުތަކުގައި، ރައީސް ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ކުރިއަށް މިއޮތް އަހަރަކީ ސުލްހަވެރި އަދި ފާގަތި އަހަރަކަށް ވުމަށް އެދިވަޑައިގެން، މާތްﷲގެ ރަޙުމަތާއި ތެދުމަގު، އެންމެހައި މުސްލިމް ޤައުމުތަކަށް ދެއްކެވުން އެދިވަޑައިގެން ދުޢާ ކުރައްވާފައި ކަމަށް ރައީސް އޮފީހުން މަޢޫލޫމާތު ދީފައިވެއެވެ.

“އެ މަނިކުފާނުގެ މި މެސެޖުތަކުގައިވެސް، ފަލަސްޠީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަވުމަށް ގޮވާލައްވައި، ހުޅަނގު އައްސޭރިއާއި ޣައްޒާގައި ފަލަސްޠީނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް އޯގާތެރިކަމާއި، ޢަޒުމާއެކު މުސްލިމް ދުނިޔެ ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.” ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

އަދި ހަމައެހެންމެ ފަލަސްޠީނުގެ މިނިވަން އަދި އިސްތިޤްލާލީ ދަޢުލަތެއް ޤާއިމުކުރެވި، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ހެދުމަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން މި މެސެޖުގައި ރައީސް ދެއްވާފައިވެއެވެ.

އެ މަނިކުފާނުގެ މެސެޖް ނިންމަވާލައްވަމުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ނިކަމެތި މުސްލިމް މުޖުތަމަޢުތަކަށް ސުލްޙަމަސަލަސްކަމާއި އިންސާފާއި އެހީތެރިކަން ލިބުމަށް އެދިވަޑައިގެން، މި އަހަރަކީ އެއްބައިވަންތަކަމާއި ސާބިތުކަމުގައި ކުރިއަށް ދެވޭނެ އަހަރެއްގެ ގޮތުގައި ލެއްވުމަށް އެދިވަޑައިގެން ދުޢާ ދަންނަވާ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން