ފުލުހުންގެ ހިދުމަތް-
ފުލުހުންގެ ހިދުމަތް-
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވިނަމަވެސް، އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.

މި މައްސަލަ ފުލުހުން ނިންމި ގޮތުގެ ލިޔުމުގައި ބުނެފައިވަނީ އެ ފޯމަކީ ސައްހަ ފޯމެއް ނޫންކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އެގޮތުން ޕީއެންސީން ހުށަހެޅި ފޯމުގައި ޖަހާފައިވާ އިނގިލީގެ ނިޝާނާއި ތޯރިގުގެ އިނގިލީގެ ނިޝާނާއި ދިމާ ނުވާކަމަށާއި، އެ ފޯމުގައިވާ އިނގިލީގެ ނިޝާން ފުލުހުންގެ ޑޭޓާބޭސްގައިވާ އެއްވެސް އިނގިލީގެ ނިޝާނަކާ ދިމާ ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި އެކަން ފުލުހުންގެ މުއައްސަސާއިން އިލެކްޝަންސް ކޮމިޝަނަށް އެންގި ކަމަށް އެ ލިޔުމުގައި ބުނެފައިވެއެވެ.

ނަމަވެސް އެ ލިޔުން ނިންމާލަމުން ފުލުހުން ބުނީ މައްސަލައިގައި ޖިނާއީ ދައުވާއެއް އުފުލޭ ވަރުގެ ހެކި ގަރީނާ ލިބިފައި ނުވާތީ އެ މައްސަލަ މިހާރު ފައިލް ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފެންމަތިވުމުން އިދިކޮޅު އެމްޑީޕީން ވަނީ މައްސަލަ ތަޙްޤީޤުކޮށްދިނުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އިތުރުން އިލެކްޝަންސް ކޮމިޝަނަށްވެސް ހުށަހަޅާފައެވެ.

އަދި މި މައްސަލައިގެ ތަހުގީގު ނިމުމާއެކު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މީގެ ކުރިން ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން