ހަމަލާ އެއް ނުދޭނެކަމުގެ ގެރެންޓީ ދީފިނަމަ އެމެރިކާ އާއެކު ނިއުކްލިއާ މަޝްވަރާތައް ފަށަން ތައްޔާރުކަމަށް އީރާނުގެ ފޮރިން މިނިސްޓަރ އައްބާސް އަރަޣްޗީ ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު މިކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އީރާނުގެ ފޮރިން މިނިސްޓަރ ވިދާޅުވީ އެމެރިކާ އާއެކު ނިއުކްލިއާ މަޝްވަރާތައް ފެށުމަށް އެގައުމުން ތައްޔާރުކަމަށެވެ. ނަމަވެސް މިކަން ކުރިއަށް ގެންދެވޭނީ އީރާނާ ދެކޮޅަށް އިތުރު އަސްކަރީ ހަމަލާއެއް ނުދޭނެ ކަމުގެ ޔަގީންކަން ދީފިނަމަ އެވެ.

ތެހެރާނުގައި ތިބި ބޭރުގެ ޑިޕްލޮމެޓުންނާ ވާހަކަ ދައްކަވަމުން، އީރާނުން ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރަން ތައްޔާރަށް އޮތްއިރު، އެ ޕްރޮސެސްގެ ސަބަބުން ހަނގުރާމައެއް ނުހިނގާނެ ކަމުގެ ޔަގީންކަން އޮންނަން ޖެހޭނެކަމަށް އީރާނުގެ ފޮރިން މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވާއިރު، ހުސްވިމަހު އީރާނުގެ ނިއުކްލިއާ އަދި އަސްކަރީ ތަންތަނަށް އިސްރާއީލުން މެދުނުކެނޑި 12 ދުވަސް ވަންދެން ބޮމުގެ ހަމަލާ ދީ، އަދި އޭގެ ފަހުން ޖޫން 22 ވަނަ ދުވަހު އެމެރިކާއިންވެސް ވަނީ އީރާނަށް ވައިގެ ހަމަލާދީފައެވެ.

އީރާނުގެ ފޮރިން މިނިސްޓަރ ވިދާޅުވީ މި އަމަލުތަކުގެ ސަބަބުން ޑިޕްލޮމެޓިކް ގޮތުން ގެންނަން ޖެހޭ ހައްލުތައް ގެނައުމަށް އިތުރަށް ދަތިވެފައިވާ ކަމަށާއި، މިހެންކަމުން އެފަދަ ހަމަލާތައް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ދިނުމަށް ގޮވާލާ ކަމަށެވެ.

އެ ހަމަލާތަކަށް ފަހު އީރާނުން ވަނީ އދގެ ނިއުކްލިއާ ވޮޗްޑޯގް އާއެކު އޮތް ގުޅުންވެސް ސަސްޕެންޑްކޮށްފައެވެ. އީރާނުން ބުނީ ކުރިއަށް އޮތްތަނުގައި އެއްބާރުލުން ދިނުމުގައި އީރާނުގެ މަސްލަހަތާއި ސަލާމަތީ ކަންބޮޑުވުންތަކަށް ބަލައިގެން ކޮންމެ ކޭސް އެއް ވަކި ވަކިން އިވެލުއޭޓް ކުރާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު