ލޭ ޕެކެޓެއް-
ލޭ ޕެކެޓެއް-
އޯ ޕޮޒިޓިވް ލޭ ޕެކެޓެއް ބޮޑު އަގުގައި ވިއްކަން އުޅުނު މައްސަލައެއް މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)އިން ބަލަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ޗެޓު ލޮގެއްގައި މީހަކު ވަނީ ދެ ކިޑްނީ ފެއިލްވެފައިވާ ބަލި މީހަކަށް 'އޯ ޕޮޒިޓިވް' ލޭ ބޭނުންވާކަން އިއުލާނުކޮށްފައެވެ. ނަމަވެސް ލޭ ހަދިޔާކުރުމުގެ ބަދަލުގައި މީހަކު ވަނީ ލޭ ޕެކެޓަކަށް 7،000 ރުފިޔާގެ އަގެއް ކިޔާފައެވެ. ލޭ ޕެކެޓު ވިއްކަން އަގު ކިޔުމުން ލެއަށް އެދުނު މީހާ ވަނީ އެއަގަށް ލޭ ގަތުމުގެ ތަނަވަސްކަން ނެތްކަމަށްބުނެފައެވެ.



މި ސްކްރީންޝޮޓަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާއިރު، ވަރަށް ގިނަ ބަޔަކު ވަނީ މިކަން ކުއްވެރިކޮށްފައެވެ.

މި މައްސަލަ ފެންމަތިވުމާ ގުޅިގެން އެމްބީއެސްއިން ވަނީ އަގުބޮޑުކޮށް ލޭ ވިއްކަން ހުށަހެޅި މައްސަލަ ބަލަންފަށައިފައެވެ.

މީޑިއާއަކަށް މައުލޫމާތު ދެމުން އެމްބީއެސް އިން ބުނީ ރާއްޖޭގައި ސިއްހީ ބޭނުމަކަށް ލޭ ވިއްކުމަކީ ކުށަކަށް ވާއިރު އެފަދަ ކަންކަން ފެންމަތިވުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

އަދި މިހާރުވެސް ރާއްޖޭގައި ލޭ ލިބުމުގެ ދަތިކަން ހުރިކަން ފާހަގަކޮށް އެމްބީއެސްއިން ބުނީ ލޭ ބޭނުންވާ މިންވަރާ ބަލާފައި ލޭ ހަދިޔާކުރާވަރު މިހާރުވެސް މަދު ކަމަށެވެ.

ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ލޭގެ މުއާމަލާތުކުރުމުގެ މާއްދާގައިވާ ގޮތުންނަމަ، ސިއްހީ ޚިދުމަތުގައި ބޭނުންކުރުމަށް ލޭ ވިއްކުމާއި ގަތުމަކީ ކުށެކެވެ. އެހެންކަމުން، ލޭ ހަދިޔާކުރުމުގައި ނުވަތަ ލިބިގަތުމުގައި މާލީ މަންފާއެއް ނުވަތަ ފައިދާއެއް ނެގުމަކީ ކުށެކެވެ. ނަމަވެސް ލޭ ނެގުމަށާއި، ރައްކާކުރުމަށާއި، ޓެސްޓުކުރުމުގެ އިތުރުން އެހެނިހެން ޚިދުމަތަކަށް އަގެއް ނެގިދާނެކަމަށް ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު