ހުޅުމާލޭ ހޮސްޕިޓަލް
ހުޅުމާލޭ ހޮސްޕިޓަލް
30 އެނދާއެކު ހުޅުމާލޭ ހޮސްޕިޓަލްގެ ޑަޔަލިސިސް ސެންޓަރު ހުޅުވައިފިއެވެ.

މި ސެންޓަރު ހުޅުއްވާދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ހުޅުމާލޭ ޑަޔަލިސިސް ސެންޓަރު ގާއިމު ކޮށްފައި ވަނީ ހުޅުމާލޭގައި ހުންނަ އޮރެންޖު ހިޔާ ބިލްޑިންގެ ފުރަތަމަ ފަންގިފިލާގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގް ހަލީމް ވިދާޅުވީ، އަލަށް ހުޅުވި ޑަޔަލިސިސް ސެންޓަރުގެ ސަބަބުން ޑައިލިސިސްގެ ހިދުމަތް ލިބިގަތުމަށްޓަކައި ކިއުގައި ޖެހުން ނިމުމަކަށް އަންނާނެ ކަމަށެވެ.

ޙަލީމް ވިދާޅުވީ މި ސެންޓަރުގައި 30 އެނދު ހުންނާނެ ކަމަށާއި ކްރިޓިކަލް ހާލަތެއް ދިމާވެއްޖެނަމަ ހިދުމަތް ދިނުމަށް އިތުރު ދެ އެނދުވެސް ހުންނާނެ ކަމަށެވެ. އަދި ގައިން ގަޔަށް އަރާ ބަލިތަކުގެ ކޭސްތަކާއި ގުޅިގެން އައިސޮލޭޓްކުރަންޖެހޭ ހާލަތުގައި އެކަންވެސް އެ ސެންޓަރުގައި ކުރެވޭނެ ކަމަށް ޙަލީމް ވިދާޅުވިއެވެ.

ހަމައެއާއެކު އެ ސެންޓަރުގައި ދެ ދަންފަޅިއަށް ހިދުމަތް ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާއިރު ދުވާލެއްގެ މައްޗަށް 150 މީހުންނަށް ހިދުމަތް ދިނުމުގެ ގާބިލުކަން ހުންނާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

“އުފަލާއެކީގައި ދަންނަވާލަން ބޭނުންވޭ މިއަދުން ފެށިގެން ހުޅުމާލޭގައި އަދި މާލެ ސިޓީގައި ޑަޔަލިސިސްގެ ހިދުމަތް ބޭނުން ވެގެން ކިޔުގައި ޖެހެން އެއްވެސް ބޭފުޅަކަށް މަޑު ކުރާކަށް ނުޖެހޭނެ." އަބްދުލްރައްޒާގް ހަލީމް ވިދާޅުވިއެވެ.

އޭގެއިތުރުން ހަލީމް ވިދާޅުވީ، ހުޅުމާލޭ ހޮސްޕިޓަލުގައި މެންޓަލް ހިދުމަތްތައްވެސް ފުޅާކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ 28 އެނދުގެ ވޯޑުގެ މަސައްކަތްތައްވެސް މި އަހަރުގެ ތެރޭގައި ނިމޭނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ހުޅުމާލެ ހޮސްޕިޓަލުން މިހާރުވެސް ޑައިލިސިސްގެ ހިދުމަތް ލިބެއެވެ. ނަމަވެސް އެ ތަނުގައި ޑައިލިސިސް ހަދަން ބޭނުންކުރަނީ އެންމެ 10 އެނދު ކަމަށްވާތީ ބައެއް ފަރާތްތަކުން ޑައިލިސިސް ހަދަން މާލެ ދާން ޖެހެއެވެ. ޑަޔަލިސިސްގެ ހިދުމަތަކީ ކިޑްނީ ފެއިލްވެފައިވާ މީހުންނަށް ގަވާއިދުން ދޭން ޖެހޭ ފަރުވާ އެކެވެ.

ޞިއްޙީ ޚިދުމަތް ހޯދަން، ރާއްޖެއިން ބޭރަށް ދިވެހި ރައްޔިތުން ދާންޖެހޭ މައްސަލައަށް ހައްލުހޯދައި، އެކަން ނިމުމަކަށް ގެނައުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއްދީގެން ހާސިލު ކުރުމަށް އަމާޒު ހިފާފައިވާ ލަނޑުދަނޑިއެކެވެ. މިގޮތުން މިހާރުވެސް، ޞިއްޙީ ދާއިރާގެ 400 މިލިއަން ރުފިޔާއަށްވުރެ ގިނަ، މަޝްރޫޢު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ހިންގަމުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު