ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
މީގެ 6 އަހަރު ކުރިން އދ. އެއްލައިދޫ ރިސޯޓުގެ ކައްކާއެއް މަރާލި މައްސަލައިގައި ދައުވާކުރި މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި ހާދިސާ ހިނގީ 10 ޖެނުއަރީ 2019 ގައެވެ. އެގޮތުން ކައްކާއަށް ވަޅިން ހަމަލާދީ މަރާލާފައިވަނީ ރޭގަނޑުގެ ނާސްތާއަށް ބިސްގަނޑެއް އަޅައިނުދިނުމުން ހިނގައިދިޔަ ޒުވާބެއްގެ ތެރެއިންނެވެ. މި މާރާމާރީގައި މަރުވީ ސްރީ ލަންކާއަށް ނިސްބަތްވާ 24 އަހަރުގެ ޕަތުމް ދިލްޝަން ޑި ސިލްވާ އަގަމްޕޮޑިއެވެ.

މި މައްސަލައިގައި ދައުވާ ކުރީ ރިސޯޓުގައި މަސައްކަތް ކުރި ސްރީ ލަންކާގެ މުވައްޒަފެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާ، 42،ގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ އިބްރާހީމް އިހުސާން ކުރެއްވި ހުކުމުގައިވަނީ މުހިންމު ހެކިން ރާއްޖޭން ފުރައިގެން ގޮސް ތިބި ތަނެއް ވެސް ސާފުނުވެގެން ހެކިބަސް ނުނެގުމުން ކުށް ސާބިތުކުރަން އޮތް ހަމައެކަނި ހެއްކަކީ މީގެ ކުރިން ޖަޔަލަތު ތަހުގީގަށް ދިން އިއުތިރާފު ބަޔާން ކަމަށެވެ.

އެހެންނަމަވެސް އިއުތިރާފު ބަޔާން ނެގި ގޮތުންނާއި އޭނާ ހަމަލާ ދިނީ ނަފުސު ދިފާއުކުރަން ވެގެން ކަމަށް ބުނާތީ ކުރިން ދިން ބަޔާނަށް ބުރަދަން ދެވެން ނެތް ކަމަށް ހުކުމުގައިވެއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނީ އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގައި ބޭއްވި މުއްދަތު މަޖިލީހެއްގައި ކުށަށް އެއްބަސްވާ ކަމަށް ބުނާއިރު، އެ ބައްދަލުވުމުގެ އޯޑިއޯ އަދި ވީޑިއޯ ރެކޯޑިން އެހާ ސާފެއް ނޫން ކަމަށެވެ.

އަދި އެ ބައްދަލުވުމުގައި އޭނާއަށް ތަރުޖަމާނެއްގެ އެހީ ލިބުނުނަމަވެސް، އޭނާ ބައްދަލުވުމަށް ހާޒިރުވީ ގާނޫނީ ވަކީލަކާ ނުލާ ކަމަށް ހުކުމުގައި ވެއެވެ.

ރެކޯޑިން ނުސާފު ނަމަވެސް ތަރުޖަމާނަށް ރަނގަޅަށް ދިވެހި ބަސް ފަހުމު ނުވާކަން ރެކޯޑިން އިން ފާހަގަވި ކަމަށާއި، އެހެންވެ ހަމަލާދިނީ މަރާލުމުގެ ނިޔަތުގައި ކަމެއް ނޫނީ ދައުވާ ލިބޭ މީހާ ބުނާ ގޮތަށް ނަފުސުގެ ދިފާއުގައި ކަމެއް ނިންމޭކަށް ނެތް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

އެހެންވެ، ކްރިމިނަލް ކޯޓުން ނިންމީ މި މައްސަލައިގެ ކުށް އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު