ރާއްޖޭން މީގެކުރިން އުމްރާއަށް ދިޔަ ބައެއްގެ ލަގެޖްތައް
ރާއްޖޭން މީގެކުރިން އުމްރާއަށް ދިޔަ ބައެއްގެ ލަގެޖްތައް
އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއާސްއިން އުމްރާއަށް ގެންދާނެ ކަމަށް ބުނެ 28 މީހުންނަށް ލަނޑުދީފައިވާތީ އެކުންފުންޏަށް ފިޔަވަޅުތަކެއް އެޅުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން އަސްކޮއި ގްރޫޕަށް ފިޔަވަޅު އަޅާފައިވާއިރު، އެގްރޫޕްގެ ހަވާލުގައި އުމްރާއަށް ދާން ފައިސާ ދެއްކި މީހުންނަށް އެގްރޫޕުން ފޮނުވި މެސެޖްގައި ބުނެފައިވަނީ ގަލްފު ހަނގުރާމައިގެ ސަބަބުން މި މަހުގެ 24 ވަނަ ދުވަހު އުމްރާއަށް ފުރަން ހަމަޖެހިފައި އޮތް ދަތުރު، އެހެން ދުވަހަކަށް ފަސްކޮށްފައިވާ ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަސްކޮއި ގްރޫޕުން ލަނޑުދިން 28 މީހުންގެ ތެރެއިން ކޮންމެ މީހަކު ވަނީ 25،500 ރުފިޔާ އެ ގްރޫޕަށް ދައްކައިފަ އެވެ. އެއީ 714،000 ރުފިޔާއެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުމްރާއަށް ދިޔުމަށްޓަކައި ފައިސާ ދައްކާފައިވާ މީހުން އެމީހުންގެ ޕާސްޕޯޓާއި މުހިންމު ލިޔެކިޔުންތައް ހޯދުމަށް އެ ކުންފުނީގެ އިސްވެރިޔާއަށް ގުޅަން ކުރި މަސައްކަތްވެސް ކާމިޔާބުވެފައި ނުވާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އަދި އެ ކުންފުނީގެ ވެރިންނަށް ރަސްމީގޮތުން މުއާމަލާތް ކުރަން ކުރި މަސައްކަތްވެސް ނާކާމިޔާބު ވެފައިވާ ކަމަށް ބަޔާނުގައިވެއެވެ.

އެކަމާ ގުޅިގެން އަސްކޮއި ގްރޫޕަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، އުމްރާއަށް މީހުން ގެންދިޔުމަށް ދީފައިވާ ހުއްދަ ހިފެހެއްޓުމާއި ޖޫރިމަނާ ކުރުމުގެ އިތުރުން އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް މީހުން ގެންދިޔުމަށް ހުއްދަ ނުލިބޭގޮތް ހެދުން ހިމެނެއެވެ.

އަދި ޖުލައި 2025 ގައި އުމްރާއަށް ދިޔުމަށް ދުރާލާ ފައިސާ ދެއްކި މީހުންނަށް އެ ފައިސާ އަނބުރާ ދިނުމަށް އެންގުމަށާއި، މައްސަލަ ފުލުހުންނަށް ހުށައެޅުމަށްވެސް މިނިސްޓްރީން ނިންމާފައިވެއެވެ.

ހަމައެއާއެކު މި ފިޔަވަޅުތައް ތަންފީޒުކުރުމަށް މިނިސްޓްރީން އިދާރީ ގޮތުންނާއި ގާނޫނީ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ފަސްޖެހުމެއް ނެތި ކުރާނެ ކަމުގެ ޔަގީންކަން އެ މިނިސްޓްރީން ވަނީ ދީފައެވެ.

މިދިޔަ ރޯދަމަހުގެ ފަހު 15 އާއި ޝައްވާލު މަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް އުމްރާއަށް ދިއުމަށް އެއް އާއިލާއެއްގެ ހަ މީހެއްގެ އަތުން ފައިސާ ނެގުމަށްފަހު އުމްރާއަށް ނުގެންދިޔަ މައްސަލައިގައި އަސްކޮއި ގްރޫޕް މިދިޔަ މެއި މަހުވެސް ވަނީ ޖޫރިމަނާކޮށްފައެވެ. އޭރު އެ ގުރޫޕް ޖޫރިމަނާކޮށްފައިވަނީ 130،000 ރުފިޔާއިންނެވެ.

އިކޮނޮމިކް މިނިސްޓްރީގެ ކުންފުނިތަކުގެ ރަޖިސްޓްރީގައިވާ ގޮތުގައި، އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޑެޓުގެ ވެރިންނަކީ އަބްދުﷲ ރަޝީދާއި އަހްމަދު ސަނިލްއެވެ.



ކިޔުންތެރިންގެ ހިޔާލު