ސަބް ކޮމިޓީ ބައްދަލުވުުގައި މަޖިލީހުގެ ނައިބު ރައީސް، ފޮޓޯ: މަޖިލިސް
ސަބް ކޮމިޓީ ބައްދަލުވުުގައި މަޖިލީހުގެ ނައިބު ރައީސް، ފޮޓޯ: މަޖިލިސް
ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ފުލުހުންގެ ފްލެޓުތައް އިމާރާތް ކުރުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ މި މައްސަލަ ތަހުގީގު ކުރުމަށް އޭސީސީގައި އާ އޮފީހެއް ހަދަން ލަފާދީ، އައިލެންޑް އެކްސްޕާޓުގެ އިމާރާތް ދައުލަތަށް ނަގަން އަންގަން މަޖިލީހުގެ މާލިއްޔަތު ކޮމިީގެ ސަބް ކޮމިޓީން ފާސްކޮށްފިއެވެ.

ފުލުހުންގެ ހައުސިން ޕްރޮޖެކްޓް (ބްލޫސް ހައުސިން ޕްރޮޖެކްޓް)ގެ ތެެރެއިން ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)ގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަން ފެށީ، އެކަމާ ގުޅުންހުރި އޮޑިޓް ރިޕޯޓުން ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފާހަގަވެގެންނެވެ.

އޮޑިޓް ރިޕޯޓުގައިވާގޮތުން ވަކި ބަޔަކަށް ފައިދާވާ ގޮތަށް ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ބިލިއަން ރުފިޔާ ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިން ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ. އެހެންކަމުން އެއީ 355 މިލިއަން ރުފިޔާގެ ގެއްލުމުގައި ހިންގާފައިވާ މަޝްރޫއެއް ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ވަނީ ހިމަނައިފައެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށްގެންދިއުމަށް އެކުލަވައިލި މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީގެ މުގައްރިރުގެ ގޮތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ އަހުމަދު ނާޒިމް މިއަދު ވިދާޅުވީ މި މައްސަލައިގެ ތުހުމަތުކުރެވޭ ފަރާތްތަކަކީ ފުލުހުންގެ އިސްވެރިންގެ ތެރޭގައި މިހާރުވެސް ހިމެނޭ ފަރާތްތަކެއް ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގުގައި ކޮމިޓީއަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ ފަރާތްތަކަށް ޖިނާއީ ތަހުގީގެއް ހިންގޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންނަމަވެސް މި މައްސަލަ ފުލުހުން ތަހުގީގު ކުރުމަކީ މަސްލަހަތު ފުށުއަރާކަމެއް ކަމަށް ފާހަގަކުރެވޭތީ އާއި މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ ކުށްތަކަކީ ހައްސާސް މައްސަލަތަކެއްގެ މައްޗަށްކުރެވޭ ކުށްތަކަކަށްވާތީ، މި މައްސަލައަކީ ކޮރަޕްޝަން ހިމެނޭ ހައްސާސް މައްސަލައެއްކަމަށް ކަނޑައަޅައި، އެކަަމަށް ހާއްސަ އޮފީހެއް ނުވަތަ ސެކްޝަނެސް އޭސީސީގައި އުފައްދަން އޭސީސީން އެދިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެހެންވެ، މި މައްސަލަތައް ތަހުގީގު ކުރުމަށް އޭސީސީގައި "ސީރިއަސް އެންޑް ކޮމްޕްލެކްސް ފައިނޭޝަލް އިންވެސްޓިގޭޝަން" އޮފީހެއް ނުވަތަ ސެކްޝަނެއް ގާއިމުކުރަން ބޭނުންވާ މާލީ އެހީތެރިކަމާއި މުވައްޒިފުންނާއި ވަސީލަތްތަކާއި ޖާގައިގެ މައްސަލައަށް ހައްލު ހޯދައިދީ އެ ތަން ގާއިމުކޮށްދިނުމަށް ސަރުކާރަށް ލަފާ ދޭން ސަބް ކޮމިޓީން ވަނީ ނިންމާފައެވެ.

އަދި ޕޮލްކޯގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ 291 މިލިއަން ރުފިޔާގެ މުގާބިލުގައި، އެ ޕްރޮޖެކްޓްގައި ހިމެނޭ އައިލެންޑް އެކްސްޕާޓުން ހަދަމުންދާ 17 ބުރީގެ އިމާރާތް ދައުލަތަށް ނެގުމަށް އެޓާނީ ޖެނެރަލް (އޭޖީ) އަށް އަންގަންވެސް ސަބް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ނާޒިމް ވިދާޅުވީ ކޮމިޓީން ކުރި ތަހުގީގުގައި ހޯދި ބައެއް މައުލުމާތުތައް ލިބިފައިވަނީ ސިއްރު މައުލޫމާތުގެ ގޮތުގައި ކަމަށެވެ. އޭގެ ތެރޭގައި އޭސީސީން ފޮނުވާފައި ހުރި ފުލުސް އޮފިސަރުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ބެހޭ ނިންމުންތައް ހިމެނޭތީ އެ ކަންކަމާބެހޭ ބައިތައް ސިއްރުކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ކަމާބެހޭ ފަރާތްތަކަށް އަންގަންޖެހޭ އެންގުންތަކާއި ރެކޮމެންޑޭޝަންތަކާއެކު، އެ މައްސަލައިގައި ކޮމިޓީން 104 ސަފްހާގެ ރިޕޯޓެއް އެކުލަވާލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ރިޕޯޓު މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަން ސަބް ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ. ދެން މާލިއްޔަތު ކޮމިޓީން ފާސްކޮށް އެ ރިޕޯޓް ފޮނުވާނީ މަޖިލީހަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް