އެއްބަސްވުމުގައި ސޮއިކުރުން
އެއްބަސްވުމުގައި ސޮއިކުރުން
މާޅޮސްމަޑުލު ދެކުނުބުރި ކަމަދޫއަށް ސީޕްލޭން އޮޕަރޭޓު ކުރުމާއި ގުޅޭ އެއްބަސްވުމުގައި މޯލްޑިވިއަންއާއި ހޯކްސް ހޮޓެލްސްއާއި ދެމެދު މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކަމަދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މިއަދުގެ ރަސްމިއްޔާތުގައި، ބ. ކަމަދޫއަށް ސީޕްލޭން އޮޕަރޭޓްކުރުމަށް ވެވުނު އެއްބަސްވުމުގައި ސޮއިކުރެއްވީ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް އިޔާސް އާއި ހޯކްސް ހޮޓެލްސްގެ ޑިރެކްޓަރ އަލްފާޟިލް ޙުސައިން އަމަންއެވެ.

އަދި ބ. ކަމަދޫ ސްކޫލުގައި ގާއިމުކުރާ އައު އިމާރާތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ އިސްމާޢީލް ޝަފީޢު އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓަޑްގެ މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް ޙަމްދާން ޝަކީލްއެވެ.

މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ބ. އަތޮޅަށް ތަރައްޤީ ގެނައުމުގައި އެ އަތޮޅު ކަމަދޫ މީގެ ކުރިން އޮތީ ލިސްޓުގެ ތަންކޮޅެއް ފަހަތުގައި ކަމަށާއި، ނަމަވެސް އެ ތަފާތުކުރުން ނައްތާލައި، ހަމަހަމަކަމާއެކު ތަރައްޤީ ގެނައުމުގެ ސިޔާސަތު ތަންފީޒުކޮށް ދެއްވާނެ ކަމަށެވެ. އަދި ކަމަދޫ ބާކީކުރެވި، ޗާޓުން އެއްކިބާކުރެވިފައި އޮތް އޮތުމަށް ނިމުން ގެންނަވައި، އަމަލީ ގޮތުންވެސް އެކަން ދައްކަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކަމަދޫ ސްކޫލުގެ އައު އިމާރާތަކީ ވަސީލަތުގެ ގޮތުންނާއި ޖާގައިގެ ގޮތުން، ކަމަދޫއަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވާ ފެންވަރުގެ ތަނަކަށް ސްކޫލް އިމާރާތް ހަދައިދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވަނީ ދެއްވާފައެވެ. އަދި ސީޕްލޭންގެ ޚިދުމަތް ފެށިގެން ދިއުމަކީ ވަރަށް ބޮޑު އިޤްތިޞާދީ ފައިދާއެއް ރަށަށް ކުރާނެ ކަމެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަތީ މިއަދު ހެނދުނުއެވެ. މި ދަތުރުފުޅުގައި، މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް