ބ.އަތޮޅު ހޮސްޕިޓަލްގައި މެމޮގްރަފީގެ ޚިދުމަތް ފެށުން
ބ.އަތޮޅު ހޮސްޕިޓަލްގައި މެމޮގްރަފީގެ ޚިދުމަތް ފެށުން
ބ. އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ޚިދުމަތް ފަށައިފިއެވެ.

ބ. އޭދަފުށީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި މި ޚިދުމަތް ފައްޓަވާދެއްވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.

މެމޮގްރަފީގެ ޚިދުމަތް އިފްތިތާޙު ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޚިދުމަތް ދިނުމަށް ތައްޔާރު ކޮށްފައިވާ ކޮޓަރި ބައްލަވާލައްވާފައެވެ.

މެމޮގްރަފީއަކީ އުރަމަތީގެ ކެންސަރު ދެނެގަތުމުގަށް ނެގޭ އެކްސް-ރޭއެކެވެ. އުރަމަތީ ކެންސަރުގެ ކުރީކޮޅު ބަލި ދެނެގަނެވުމަކީ، ބަލިން ސަލާމަތްވުމަށް އެންމެ މުހިއްމުކަންތައް ކަމުގައި ޑޮކްޓަރުން ފާހަގަކޮށްފައިވާއިރު، މެމޮގްރަފީއަކީ، ބަލީގެ ވަރަށް ކުރީކޮޅު ބަލި ދެނެގަނެވޭނެ ޚިދުމަތެކެވެ. އަދި މެމޮގްރަފީ ހެދުމުން، ބަލީގެ އެއްވެސް އަލާމާތެއް ބޭރުފުށުން ފެނުމުގެ ކުރީގައިވެސް ބަލި ދެނެގަނެވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މިއަދު ވަނީ އޭދަފުށީގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ވެސް އިފްތިތާޙު ކޮށްދެއްވާފައެވެ. އަދި ބ. އަތޮޅު ހޮސްޕިޓަލްގެ 50 އެނދުގެ އައު އިމާރާތުގެ މަސައްކަތް 181.7 މިލިޔަން ރުފިޔާއަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ވަނީ ޙަވާލު ކޮށްފައެވެ.

ހަމައެއާއެކު ބ. އޭދަފުށީގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ކެމްޕަހެއް ތަރައްގީކުރުމުގެ މަޝްރޫއު 80.7 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ވަނީ ޙަވާލުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ބ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ފައްޓަވާފައިވާ ދަތުރުފުޅެކެވެ. އެގޮތުން އިއްޔެ ފެއްޓެވި މި ދަތުރުފުޅުގެ ތެރެއިން، އިއްޔެ އެ މަނިކުފާނު ވަނީ ބ. ކަމަދޫ، ބ. ކުޑަރިކިލު، ބ. ކެންދޫ އަދި ބ. އޭދަފުއްޓަށް ވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު