ހިމަންދޫ ސިއްޙީ މަރުކަޒު ހުޅުވުން
ހިމަންދޫ ސިއްޙީ މަރުކަޒު ހުޅުވުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އއ. ހިމަންދޫގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް މިއަދު އިފްތިތާޙު ކޮށްދެއްވައިފިއެވެ.

ރައީސް މި މަޝްރޫޢުތައް ފައްޓަވައިދެއްވީ މިއަދު އއ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ހިމަންދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

އެގޮތުން ރައީސް ވަނީ، އއ. ހިމަންދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފައެވެ. މި ޢީމާރާތުގައި އާންމު ސިއްހަތުގެ ޚިދުމަތްދޭ ޔުނިޓެއްގެ އިތުރުން، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކާއި، ގައިން ގަޔަށް ނާރާ ބަލިތަކުގެ ކްލިނިކް، މާބަނޑު މީހުންގެ ކްލިނިކް އަދި ކުޑަކުދިންގެ ސިއްހަތުގެ ކްލިނިކެއް ޤާއިމު ކޮށްފައިވެއެވެ.

ސިއްޙީ މަރުކަޒުގެ އިމާރާތް ހުޅުއްވައި ދެއްވުމަށްފަހު ހިމަންދޫ ރައްޔިތުންނާ ބައްދަލު ކުރަށްވައި ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެރަށަކަށް ބޭނުންވާ އެންމެ ރަނގަޅު ފެންވަރަކަށް ޞިއްޙީ ޚިދުމަތް ފޯރުކޮށް ދިނުމަށް ކަމަށެވެ.

އޭގެ އިތުރުން ރައީސް މިއަދު ވަނީ ހިމަންދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމުގެ ޙަފްލާ ޝަރަފްވެރި ކޮށްދެއްވާފައެވެ. އަދި އެރަށުގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސް މިއަދު ފަށްޓަވައި ދެއްވިއެވެ.

ރައީސް ހިމަންދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާވެސް ބައްދަލު ކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު