ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް އުތީމު އާދަމް ޢަބްދުއްރަޙްމާނަށް އެރުވުން
ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް އުތީމު އާދަމް ޢަބްދުއްރަޙްމާނަށް އެރުވުން
ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް އުތީމު އާދަމް ޢަބްދުއްރަޙްމާނަށް އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، މިއަދު އާދަމް އަބްދުއްރަޙްމާނަށް ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް (ނ.ދ.ޝ.ޢ.)ގެ ޝަރަފު އަރުވާފައިވަނީ، އުތީމުގައި މިހާރު ކުރިއަށްދާ ޤައުމީ ދުވަހުގެ ޚާއްސަ ޖަލްސާގައެވެ.

އާދަމް އަބްދުއްރަޙްމާނަކީ، ދިވެހި ދައުލަތަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އާދަމް ޢަބްދުއްރަޙްމާނު، ނުވަތަ މަޝްހޫރު ނަމުން ދަންނަވާނަމަ އުތީމު އާދަމްބެ ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ، 26 އޮގަސްޓު 1965 ގައި ހއ. އުތީމު ކަތީބުކަމުގެ މަގާމުންނެވެ. ކަތީބުކަމުގެ މަގާމުގައި 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، ހއ. އަތޮޅުގެ އަތޮޅުވެރިކަން ތިންފަހަރެއްގެ މަތިން 11 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަދާކުރައްވާފައިވެއެވެ.

“ކުރިން މާލެއިން ނޫނީ ނުލިބޭ އިދާރީ ބައެއް ޚިދުމަތްތައް އަތޮޅުންނާއި ރަށްރަށުން ލިބޭނެ މަގުފަހިކުރެއްވުމަށް އާދަމް ޢަބްދުއްރަޙްމާން ކުރެއްވި މަސައްކަތްތަކުގެ ސަބަބުން، ބައެއް މަސައްކަތްތައް އަތޮޅުންނާއި ރަށުން ލިބޭނެގޮތް ހަމަޖެހި، ރައްޔިތުންނާ ގާތުން ޚިދުމަތް ލިބޭނެ މަގު ފަހިވެގެންދިޔައެވެ. އާދަމް ޢަބްދުއްރަޙްމާނަކީ، ރައްޔިތުންނާ ވަރަށް ގާތްގުޅުމެއް ބޭއްވެވި ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ. ރައްޔިތުންގެ މުހުތާދުތައް ދެނެވަޑައިގެން ރައްޔިތުންނަށް ދަތިވާ ކަންކަން އެވަގުތަކަށް ހައްލުކޮށްދެއްވެން އޮތް މިންވަރަކުން ހައްލުކޮށްދެއްވި އިޚްލާޞްތެރިކަމާއެކުގައި މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ.” ރައީސް އޮފީހުން ބުނެފައިވެއެވެ.

ތިލަދުންމަތީ އުތުރުބުރީ އަތޮޅުވެރިކަން ކުރެއްވުމަށްފަހު، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ މުދީރުގެ މަގާމުގައި އާދަމް ޢަބްދުއްރަޙްމާން ތިން އަހަރަށްވުރެ ދިގު މުއްދަތެއްގައި ހޭދަކުރެއްވިއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރާއްޖެތެރޭގެ ކިޔަވައިދޭ ތަންތާނގެ ނާޒިރުކަންވެސް އާދަމް ޢަބްދުއްރަޙްމާން އަދާ ކުރައްވައިފައިވެއެވެ.

އާދަމް ޢަބްދުއްރަޙްމާނަކީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިންވެސް ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ޅެންހެދުމުގެ ރޮނގުން 2004 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އާދަމް ޢަބްދުއްރަޙްމާނަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި އޭގެ 12 އަހަރު ފަހުން، 2016 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް އާދަމް އަބްދުއް ރަޙްމާނަށް ވަނީ ލިބިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު