މުޙައްމަދު ވަހީދު - ފޮޓޯ: އެމްޑީޕީ
މުޙައްމަދު ވަހީދު - ފޮޓޯ: އެމްޑީޕީ
މި ސަރުކާރުން ދަނީ ކުރިން އެމްޑީޕީން ގާނޫނުތަކުން ގެނެސްދިން މިނިވަންކަން ނަގާލަމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ.

މިރޭ އެމްޑީޕީން ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުން ވަހީދު ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން، އޭނާ ވިދާޅުވީ، މި ސަރުކާރުން ކޮންމެކަމެއް ވެސް ކުރަމުންދަނީ ރައްޔިތުންނަށް ދަތިކުރުމަށް ކަމަށާއި މަޖިލީހަށް ހުށަހަޅާ ކޮންމެ ބިލަކުން ވެސް، އެމްޑީޕީން މީގެ 20 އަހަރު ކުރިން ވަކާލާތުކޮށްގެން ހޯދައިދިން ހައްގުތައް ނިގުޅައިގަންނަމުން ދާކަމަށެވެ.

އޭނާ ވިދާޅުވީ އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުން، އެއީ ކުށަކަށް ހަދައި މީހުން ހައްޔަރުކުރި ސަރުކާރެއް މި ނޫނީ ނުދެކޭކަމަށެވެ.

ދަތުރަކަށް ފަށާއިރު އެ ދަތުރުކުރާ އަމާޒު އެނގެންޖެހޭ ކަމަށާއި ނަމަވެސް މި ސަރުކާރުގެ އިސް މީހުންނަށް ވެސް މި ސަރުކާރު ކުރިއަށްދާ ގޮތުގެ މިސްރާބު ނޭނގޭ ކަމަށް ވިދާޅުވިއެވެ. އެގޮތުން، އަތޮޅު ކައުންސިލްތައް އުވާލުމަށް ކުރާ މަސައްކަތް އޭނާ ވަނީ ކުށްވެރި ކުރައްވާފައެވެ. އަދި ވިދާޅުވީ، އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު މި ސަރުކާރުން އުޅެނީ އެތަނަށް ސިޔާސީ މަގާމުތަކުގައިތިބޭ ސްޓޭޓް މިނިސްޓަރުން ލާންކަމަށެވެ.

ވަހީދު ވިދާޅުވީ، ކައުންސިލްތަކަށް ގާނޫނުން ލިބިދޭ ބާރުތައް އަތުލުމަށް ކުރާ މަސައްކަތުގެ ތެރެއިން، ކައުންސިލްތަކުގެ އާމްދަނީ އަތުލުމަށް މިހާރު ސަރުކާރުން މަސައްކަތް ކުރަމުން ދާކަމަށެވެ.

އެ ސަބަބުތަކާހުރެ، ރައީސް މުއިއްޒު މިހާރު ވެރިކަމުން ބާލަން ޖެހިފައިވާކަމަށް ވަހީދު ވިދާޅިއެވެ.



ކިޔުންތެރިންގެ ހިޔާލު