އިނަރ މޯލްޑިވްސްގެ ސީއީއޯ ފިރާގް
އިނަރ މޯލްޑިވްސްގެ ސީއީއޯ ފިރާގް
ފަތުރުވެރިންނަށް ފްރީ އިންޑިޕެންޑެންޓް ޓްރެވެލަރ (އެފްއައިޓީ) ޑިސްކައުންޓެއް ކަނޑައެޅުމުގެ ބަދަލުގައި އޮންލައިން ޓޫރިސްޓު ފެއާތައް ކުޑަކުރުމުން ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އަށް ވާ ފައިދާ މާބޮޑުވާނެ ކަމަށް އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގުް ވިދާޅުވެެއްޖެއެވެ.

ފިރާގް މިހެން ވިދާޅުވެފައި މިވަނީ ޓުއަރ އޮޕަރޭޓަރުންނާ ނުގުޅި އަންނަ ޓޫރިސްޓުންނަށް މޯލްޑިވިއަން އެއާލައިނުން 15 އިންސައްތަ ޑިސްކައުންޓެއް ދޭން ނިންމުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ފިރާގް ވިދާޅުވީ އެފައައިޓީއެއް ކަނޑައެޅުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި، މީގެ ސަބަބުން މިހާރު ގެންގުޅޭ ނިޒާމު ރަނގަޅަށް މަސައްކަތް ނުކުރުމަކީވެސް އެކަށީގެންވާކަމެއް ކަމަށެވެ.

"ނަމަވެސް މޯލްޑިވިއަން އިން ވިސްނަންވީ އޮންލައިން ޓޫރިސްޓު ފެއާތައް ކުޑަކުރުމަށް. އަޅުގަނޑު ދެކޭގޮތުގައި މިއީ މާ ފައިދާހުރި ގޮތެއް" ފިރާގް ވިދާޅުވިއެވެ.

އޮންލައިންކޮށް މިގޮތަށް ފްލައިޓު ބުކް ކުރާއިރު ފައިސާ އެޑްވާންސްކޮށް ލިބޭ ކަމަށާއި، މިގޮތަށް އޮންލައިން ފެއާތައް ކުޑަކުރުމުން މޯލްޑިވިއަން އާ ގުޅިގެން މަސައްކަތްކުރާ ޓްރެވެލް އޭޖެންޓުންނަށާއި، ގެސްޓް ހައުސްތަކަށާއި، އަދި ވަކިން މަސައްކަތްކުރާ ޓުއަރ ގައިޑުންނަށްވެސް ފައިދާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހި ޓްރެވަލް އޭޖެންޓޭއްގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން ފިރާގް ވިދާޅުވީ ދިވެހި އޭޖެންޓުން ވާނީ މާކެޓް ކުރިއެރުވުމަށް އެމީހުންގެ ދައުރު އަދާކޮށްފައި ކަމަށެވެ. އެހެންނަމަވެސް އެއިން ލިބުނު އެއްވެސް ކުރިއެރުމެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ފިރާގު ވިދާޅުވީ ރާއްޖޭގެ ޓްރެވަލް އޭޖެންޓެއްގެ ހައިސިއްޔަތުން، އެއްވެސް ކަހަލަ މަކަރުވެރި އަމަލެއްނަމަ އެކަމަކަށް ހަރުކަށި އިބާރާތުން އިންކާރު ކުރާނެ ކަމަށެވެ.

އެހެންކަމުން އެއްވެސް އުޒުރެއް ނުދައްކައި މޯލްޑިވިއަން އިން ދަތުރުކުރާ ކަސްޓަމަރުންނަށް 20 އިންސައްތަ ޑިސްކައުންޓު ދިނުމަށް ފިރާގް ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު