ދައުލަތުގެ މަޤާމެއްގައި ހުންނަ މީހަކަށް ހިލޭ ލިބޭ ކޮންމެ އެއްޗެއް ވެސް އެއީ ދައުލަތުގެ މިލްކެއް ކަމަށާއި، އެއެއްޗެއް އަމިއްލަ ބޭނުމަށް ބޭނުންކޮށްފިނަމަ އޭގެ ޙުކުމަކީ ރިޝްވަތުގެ ޙުކުމް ކަމުގައި މަޝްހޫރު އިޤްތިޞާދީ މާހިރު މުޙައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ. ނަފާ ނަސީމް މިގޮތަށް ވިދާޅުވެފައިވަނީ، އިއްޔެ ޓުވިޓަރ (އެކްސް) ގައި ކުރެއްވި ޕޯސްޓެއްގައެވެ.

އޭނާގެ ޓުވިޓަރ ޕޯސްޓްގައި ވަނީ، ސަރުކާރުގެ މަޤާމުތަކުގައި ތިބޭ މުވައްޒަފުންނަށް ހަދިޔާއަށް ފުލެޓާއި، ޓިކެޓާއި، ފައިސާ ނުދިނުމަށާއި، އަދި ސަރުކާރު މުވައްޒަފުން އެފަދަ ހަދިޔާ ޤަބޫލުނުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި، ދީނުގައި އެއީ މަނާކަމެކެވެ. އަދި ޤާނޫނުގައި އެއީ ރިޝްވަތެވެ.

މިކަމުގެ ޙުއްޖަތެއްގެ ގޮތުން ނަފާ ނަސީމް ވަނީ، އިސްލާމީ ތާރީޚުން ވަރަށް މުހިއްމު މިސާލެއް ގެނެސްދެއްވާފައެވެ. އެއީ، ރަސޫލުﷲ صلى الله عليه وسلم، ބަނީ ސުލައިމް ގަބީލާގެ މުސްލިމުންގެ އަތުން ޒަކާތް ނެގުމަށް ފޮނުއްވި އިބްނު އައްލުތުބިއްޔާގެ ވާހަކައެވެ. އިބްނު އައްލުތުބިއްޔާ އެ ރަށުން ލިބުނު ޒަކާތުގެ މުދާތައް ހިފައިގެން ދުރުވެ، ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުގައި ދެބަޔަށް ބަހައްޓަވާފައި ދެންނެވިއެވެ. "މިބަޔަކީ ޒަކާތަށް ލިބުނު ބައެވެ. ދެން މި ހިރަބަޔަކީ، މިއީ އަޅުގަނޑަށް ހަދިޔާއަށް ދިން ބައެވެ."

އެހިނދު މާތް ނަބިއްޔާ صلى الله عليه وسلم މިންބަރަށް އަރާވަޑައިގެން ކޯފާވެ ވަޑައިގެން ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު ރައްޔިތުންނަށް ޚިދްމަތްކުރަން ފޮނުވާ މީހަކު، އެނބުރި އައިސް މި ހުރީ ބައިތުލްމާލަށޭ، ދެން މިހުރީ ތިމަންނައަށް މީހުން ދިން ހަދިޔާއޭ، ބުނީމާ ވާނީ ކިހިނެއްހެއްތޯއެވެ؟ އޭނާގެ މައިގޯތީގައި (މަންމަގެ ގޭގައި) ނިދާފައި އޮތް ނަމަ މީހުން އޭނާއަށް އެ ހަދިޔާ ދިނީސްތޯއެވެ؟"

ނަފާ ނަސީމް އޭނާގެ ޕޯސްޓުގައި ގެނެސްދެއްވި ޙަދީޘްފުޅަކީ ޞަޙީޙުލް ބުޚާރީގައި ވާރިދުވެފައިވާ ޙަދީޘްފުޅެކެވެ. ނަފާ ނަސީމް ގެނެސްދެއްވި މި ޙަދީޘްފުޅުން އިޝާރާތްކުރައްވަނީ، ރައްޔިތުންގެ ޚާދިމުން ވަޒީފާގައި ތިބޭއިރު، އެމީހުންނަށް ހަދިޔާ ނުދިނުމަށާއި، އަދި އެމީހުން ހަދިޔާ ނުހިފުމަށެވެ. އޭނާ ފާހަގަކުރައްވާފައިވާ ގޮތުގައި އިސްލާމީ ޝަރުޢުގައި އެފަދަ ހަދިޔާ ދިނުމާއި ލިބިގަތުން ވަނީ މަނާކުރައްވާފައެވެ. އޭނާ ވަނީ ސަރުކާރު މުވައްޒަފުންނަށް ހަދިޔާއަށް ފުލެޓާއި ޓިކެޓާއި ފައިސާއާ ނުދިނުމަށާއި، އަދި ސަރުކާރު މުވައްޒަފުން އެފަދަ ހަދިޔާ ޤަބޫލުނުކުރުމަށް ވަނީ ހަރުކަށި އިލްތިމާސެއް ކުރައްވާފައެވެ.

ނަފާ ނަސީމް އޭނާގެ ޕޯސްޓުގައި ދާދި މިދާކަށް ދުވަހު ސިންގަޕޫރުގެ މަޝްހޫރު އޮމްބަންގސެންގްގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށް ސާބިތުވިކަން ހަނދާންކޮށްލެއްވުމަށް ވެސް ގޮވާލެއްވިއެވެ. ނަފާ ނަސީމްގެ މި މެސެޖުން ދައުލަތުގެ މަޤާމުތަކުގައި ތިބޭ ފަރާތްތަކުގެ އިތުރުން، އެފަދަ ފަރާތްތަކަށް ހަދިޔާ ދިނުމަށް ގަސްތުކުރާ އާންމު ފަރާތްތަކަށް ވެސް ވަރަށް މުހިއްމު އިރުޝާދެއް ވަނީ ލިބިގެންގޮސްފައެވެ. އެއީ އިސްލާމީ ޝަރީޢަތާއި، ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ދައުލަތުގެ ކަންކަން ހިންގުމަށް ބާރުއަޅާ މެސެޖެކެވެ.



ކިޔުންތެރިންގެ ހިޔާލު