އިންޑޮނޭޝިއާގެ މުޒާހަރާއެއްގެ ތެރެއިން-
އިންޑޮނޭޝިއާގެ މުޒާހަރާއެއްގެ ތެރެއިން-
އާންމުންގެ ފަރާތުން ސަރުކާރަށް އޮތް ޕްރެޝަރު ބޮޑުވުމާ ގުޅިގެން އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ ވަނީ ސަރުކާރުގެ ބައެއް އިނާޔަތްތައް ކަނޑާލަން ނިންމާފައެވެ.

ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށްކަމަށް ބުނެ ސަރުކާރުގެ ބައެއް އިނާޔަތްތައް ކަނޑާލަން އިންޑޮނޭޝިޔާގެ ސިޔާސީ ޕާޓީތަކުންވެސް އެއްބަސްވެފައިވާކަމަށް އިންޑޮނޭޝިއާގެ ރައީސް ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް އެގައުމުގައި ކުރަމުންދާ މުޒާހަރާތަކަށް އެއްވެސް ހުއްޓުމެއް އައިސްފައެއް ނުވެއެވެ.

މި މުޒާހަރާތައް ފެށިފައިވަނީ އިންޑޮނޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް މުސާރަޔާއެކު ބޮޑެތި ހައުސިން އެލެވެންސްތައް ދޭން ފާސްކުރުމާ ގުޅިގެންނެވެ. މަޖިލިސް މެމްބަރުންނަށް ބޮޑެތި އިނާޔަތްތައް ދެމުންދާއިރު، އާންމު ރައްޔިތުންގެ ގޭގެ ކުލިތަކާއި ދިރިއުޅުމަށް ބޭނުންވާ ހަރަދުތައް އިންތިހާއަށް މަތިކަމަށް ރިޕޯޓުތައް ބުނެއެވެ.

މިގޮތަށް ދަތި ހާލުގައި އުޅެމުންދާތާ އެތައް ދުވަސްތަކެއް ފާއިތުވެ ގޮސްފައިވާއިރު، އިންޑޮނޭޝިއާގެ ރައްޔިތުން ބޭނުންވަނީ މިކަންކަމަށް ދާއިމީ ހައްލެކެވެ.

މުޒާހަރާތައް ފެށިތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މައްސަލަ އިތުރަށް ހޫނުވީ މުޒާހަރާގައި ބައިވެރިނުވާ ޑެލިވަރީ ޑްރައިވަރަކު މަރުވުމާ ގުޅިގެންނެވެ. އޭނާ މަރުވެފައިވަނީ މުޒާހަރާތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ ވެހިކަލެއްގައި ޖެހިގެންނެވެ.

އެ ޑެލިވަރީ ޑްރައިވަރު މަރުވުމާ ގުޅިގެން އިންޑޮނޭޝިއާގެ ރައީސް އާއި ފުލުހުންގެ އިސްވެރިޔާ ވަނީ މާފަށް އެދިފައެވެ. އަދި ފުލުހުންގެ ވެހިކަލް ދުއްވަން ހުރި ފުލުސް މީހާވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

އެހެންނަމަވެސް އެގައުމުގެ ރައްޔިތުން އަދިވެސް ދަނީ އެމީހުންގެ ހައްގުތަކަށްޓަކައި އަޑުއުފުލައި މުޒާހަރާ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް