މަރްޔަމް ނަހްދާ ވަޙީދު   8 ސެޕްޓެމްބަރު 2025 - 9:58
ޖަޕާނުގެ ބޮޑުވަޒީރުގެ މަޤާމުން އިޝިބާ އިސްތިއުފާ ދީފި
ޖަޕާނުގެ ބޮޑުވަޒީރުގެ މަޤާމުން އިޝިބާ އިސްތިއުފާ ދީފި
ޖަޕާނުގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ޝިގެރު އިޝިބާ އިސްތިޢުފާ ދެއްވައިފިއެވެ.

އޭނާ މަޤާމުން އިސްތިޢުފާ ދެއްވާފައި ވަނީ ފަހުގެ އިންތިޚާބުތަކުގައި ވެރިކަންކުރާ ލިބެރަލް ޑިމޮކްރަޓްސް ޕާޓީ (އެލްޑީޕީ)އަށް ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިލާން ޖެހި ޤާނޫނުހަދާ މަތިގެއާއި ތިރިގޭގެ އަޣުލަބިއްޔަތު ގެއްލިފައި ވަނިކޮށެވެ.

އިސްތިއުފާ ދެއްވުމުގެ ކުރިން އޭނާ ވަނީ އެމެރިކާއާއެކު މުހިންމު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. އެ އެއްބަސްވުމުގެ ދަށުން ޖަޕާނުން ވަނީ އެ ޤައުމުން އެމެރިކާއަށް އެތެރެކުރާ އުޅަނދުތަކުން ނަގައި ޑިޔުޓީ ކުޑަކުރުމުގެ ބަދަލެއްގެ ގޮތުގައި އެމެރިކާއަށް 550 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓު ކުރުމަށް އެއްބަސްވެފައެވެ.

އިޝިބާ ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ބޮޑު ގޮންޖެހުމަކުން މިހާރު ސަލާމަތްވެވިފައިވާ ކަމަށާއި، އޭނާގެ އިސްތިޢުފާއަށްފަހު ވެެރިކަން ބަދަލުކުރުމުގެ ކަންކަން އޮމާންކޮށް ކުރިއަށް ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ހަމައެއާއެކު އިންތިޚާބުތަކުގައި ލިބިފައިވާ ނާކާމިޔާބީގެ ޒިންމާ އުފުއްލަވާ ކަމަށް ވެެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ ޖަޕާނުގައި ދިރިއުޅުމުގެ އަގުތައް އުފުލުމާ ގުޅިގެން އެ ޤައުމުގެ ރައްޔިތުން ސަރުކާރާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ވެސް ވަނިކޮށެވެ. ޕާޓީގެ މަޤުބޫލުކަން ގެއްލެމުން ދިޔަ ވަރަކަށް ޕާޓީގެ ތެރޭގައި ބައިބައިވުން ވެސް ވަނީ އިތުރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު