ލަންކާގެ ކުރީގެ ރައީސް-
ލަންކާގެ ކުރީގެ ރައީސް-
ނޭޕާލްގެ ސަރުކާރާ ދެކޮޅަށް ޒުވާނުން ހިންގަމުންދާ މުޒާހަރާތަކުގައި ދިމާވެފައިވާ މަރު ހާދިސާތައް ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ކުށްވެރިކުރައްވައިފިއެވެ.

ނޭޕާލުގައި މިހާރު ހިނގަމުންދާ މުޒާހަރާތަކާ ގުޅިގެން މީޑިއާތަކަށް ދިން ބަޔާނެއްގައި ރަނިލް ވިދާޅުވީ ނޭޕާލުގައި ހިނގާފައިވާ ޒުވާނުންގެ މަރުތަކާއި އެހެނިހެން ހުރިހާ ބާވަތެއްގެ މަރުތައް ކުށްވެރިކުރާކަމަށެވެ.

އަދި ހަމައެހެންމެ، ކުރީގެ ބޮޑުވަޒީރުގެ ގެ އަންދާލުމާއި، ކުރީގެ ބޮޑުވަޒީރުގެ އަނބިކަނބަލުން މަރާލުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށް ރަނިލް ވިދާޅުވިއެވެ. އަދި ކުރީގެ ބޮޑުވަޒީރުގެ އަނބިކަނބަލުންގެ މަރާ ގުޅިގެން ރަނިލް ވަނީ ތައުޒިޔާ ދަންނަވާފައެވެ.

ރަނިލް ވަނީ ސަރުކާރުގެ އިސްވެރިންނަށް، އަދި ހާއްސަކޮށް ޚާރިޖީ ވަޒީރަށް ދެވުނު ހަމަލާތައް ކުށްވެރިކުރައްވައި މިއީ ވަރަށް ހިތާމަވެރި ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މި މުޒާހަރާތަކުގައި އަންހެނުންގެ ހައްގުތަކަށް އަރައިގަނެވިފައިވާކަން ފާހަގަކޮށް ރަނިލް ވިދާޅުވީ އެކަމުގެ ސަބަބުން ނޭޕާލްގެ އަގުވެސް ވެއްޓިފައިވާ ކަމަށެވެ.

"ކަތުމަންޑޫގެ ހާލަތު މިހާ ހިސާބަށް ގޮސްގެން ނުވާނެ، ފުލުހުން ހަތިޔާރުގެ ބާރު ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން" ރަނިލް ވިދާޅުވިއެވެ.

ރަނިލް ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުވެސް ހަތިޔާރު ބޭނުން ނުކޮށް މުޒާހަރާތައް ކޮންޓްރޯލު ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ. އެދުވަހު ބަޑި ނުޖަހައި މުޒާހަރާތައް ކޮންޓްރޯލު ކުރަން އުޅުނުނަމަ މިހާހިސާބަށް ކަންތައް ނުދިޔައީސް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ނޭޕާލުގައި އެތައް ދުވަސްތަކެއް ވަންދެން ތަފާތު އެކި މައްސަލަތައް ހުރިއިރު، އެކަންކަމަށް ސަރުކާރުން ސަމާލުކަމެއް ދީފައިނުވާކަން ރަނިލް ފާހަގަކުރެއްވިއެވެ.

"ކުއްލި މައްސަލަތަކަށް ހައްލު ހޯދުމުގެ ބަދަލުގައި އެންމެން އަމާޒުކުރީ ދުވަހުން ދުވަހަށް ކުރިއަށްދާ ސިޔާސީ ކަންކަމަށް، މިކަމުގެ ސަބަބުން ޒުވާން ޖީލުގެ މެދުގައި ބޮޑު ހިތްހަމަނުޖެހުމެއް އުފެދިގެންދިޔަ. މި ދެންނެވި ކަންކަމަށް އަޅާނުލައި، ސޯޝަލް މީޑިއާ މުޅިން މަނާކުރުމާ ގުޅިގެން ހަމަނުޖެހުން ފެށިގެން ދިޔައީ" ރަނިލް ވިދާޅުވިއެވެ.

ރަނިލް ވިދާޅުވީ މަޖިލިސް އިދާރާއާއި ކޯޓު އިމާރާތްތަކަކީ ޤައުމުގެ ޑިމޮކްރެޓިކް މުއައްސަސާތަކެއްގެ ގޮތުގައި ބެލެވޭ ތަންތަން ކަމަށެވެ. އެތަންތަން ރަމްޒުކޮށްދެނީ އެތަންތަނުގައި ތިބޭ މީހުން ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެތަންތަން އަންދާލުމަކީ ނޭޕާލުގެ ޑިމޮކްރަސީއަށް ކުރެވޭ ބޮޑު އިހާނެތިކަމެއްގެ ގޮތުގައި ރަނިލް ސިފަކުރެއްވިއެވެ.

"މިގޮތަށް ކަންތައް ކުރުމުން މިހާރު އޮތީ ޤާނޫނު އަސާސީއެއް ނެތް ނޭޕާލެއް. ޤައުމުގައި އަމާންކަން ޤާއިމުކޮށް، ޤާނޫނުއަސާސީއާ އެއްގޮތަށް އިންތިޚާބު ބޭއްވުމަކީ މިހާރު ސިފައިންގެ ޒިންމާއެއް" ރަނިލް ވިދާޅުވިއެވެ.

ރަނިލް ވިދާޅުވީ މި ހާލަތު މިގޮތަށް މެދުވެރިވީ ދައުލަތް ހިންގުމުގައި ވެރިން ނުކުޅެދުންތެރިވުނުގެ ސަބަބުން ކަމަށެވެ.

އެހެންނަމަވެސް ނޭޕާލަކީ ސްރީލަންކާއަށް ޚާއްޞަ ޤައުމެއް ކަމުން، އެފަދަ ގައުމެއްގައި މިފަދަ އަނިޔާވެރި ޢަމަލުތައް ހިންގުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ރަނިލް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް