މީޑިއާ ބިލާ ދެކޮޅަށް މުޒާހަރާކުރަނީ-
މީޑިއާ ބިލާ ދެކޮޅަށް މުޒާހަރާކުރަނީ-
ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި މީޑިއާ ރެގިއުލޭޓަރީ ބިލު ތަސްދީގުނުކުރެއްވުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ގޮވާލައްވައިފިއެވެ.

މި ބިލު މަޖިލީހުން ބޭރުކުރުމަށް ގޮވާލައި ނޫސްވެރިން މުޒާހަރާ ކުރަމުންދަނިކޮށް، ބިލް ފާސްކުރުމާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ޓްރާންސްޕޭރެންސީން ބުނީ ނޫސްވެރިންނާއި، މަދަނީ ޖަމިއްޔާތަކާއި، ބައިނަލްއަޤްވާމީ ޖަމާއަތްތަކާއި، ރެގިއުލޭޓަރީ އަދި ޤާނޫނީ އިދާރާތަކުގެ އިތުރުން އާންމު ރައްޔިތުން ވެސް މި ބިލާ ގުޅޭގޮތުން ފެށުނީއްސުރެ ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވާ ކަމަށެވެ. އެގޮތުން މި ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމަށާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި، މަޢުލޫމާތު ހޯދުމުގެ ޙައްގަށް ނުރައްކާތެރި ބިރެއްކަމަށް އެ ފަރާތްތަކުން ފާހަގަކުރެއްވި ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

"މި ކަންބޮޑުވުންތަކާއެކުވެސް މަޖިލީހުން ވަނީ 151 ނޫސްވެރިން ހުށަހެޅި ޕެޓިޝަނަށް އަޅާނުލައި، އަދި ޤާނޫނުގައި ކަނޑައެޅިފައިވާ އިޖުރާއަތުތަކަށް ޢަމަލުނުކޮށް، މިހާތަނަށް ނުދެކޭފަދަ އަވަސް މިނެއްގައި ކުރިއަށް ގޮސްފައި" ޓްރާންސްޕޭރެންސީ އިން ފާހަގަކުރިއެވެ.

މިއަދު މި ބިލާ ދެކޮޅަށް ކުރަމުންދިޔަ މުޒާހަރާގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން މުޒާހަރާކުރި ފަރާތްތަކާ ދެކޮޅަށް ހާލަތާނުބައްދަލު ބާރުގެ ބޭނުންކުރިކަމާއި ނޫސްވެރިން ހައްޔަރުކުރިތަން ފެނިގެންދިޔަ ކަމަށް ޓްރާންސްޕޭރެންސީން ވަނީ ބުނެފައެވެ.

ނޫސްވެރިން އެމީހުންގެ އަސާސީ ޙައްގުތަކުގެ ތެރެއިން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަން ބޭނުންކުރަމުންދަނިކޮށް އެފަރާތްތަކަށް ފުލުހުން އަނިޔާ ކުރި މަންޒަރު ފެނިފައިވާ ކަން ޓްރާންސްޕޭރެންސީން ވަނީ ފާހަގަކޮށްފައެވެ. އަދި ހަމައެހެންމެ، ނޫސްވެރިންގެ އަޑު މަޑުކުރުމަށާއި ބިރުވެރިކަން އުފެއްދުމަށް އަމާޒުކޮށްގެން ނޫސްވެރިންނަށް ފުރައްސާކޮށް، ބިރުދެއްކުމާއި، މަރުގެ އިންޒާރުތައް އިތުރުވަމުންދާތީ އެކަމާމެދު ވެސް ކަންބޮޑުވާކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.

ޓްރާންސްޕޭރެންސީން ބުނީ ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުމަށް މިފަދަ ނުހަމަ ފިޔަވަޅުތައް އެޅުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

އަދި މި ޙާލަތުގައި މީޑިއާ ބްރޯޑްކާސްޓިންގ ބިލު ފާސްކުރުމަކީ ޑިމޮކްރެޓިކް އަގުތަކަށް އުނިކަން ލިބި، ނޫސްވެރިކަމުގެ މިނިވަންކަން ދަށްކޮށް، ޤާނޫނު ހެދުމުގެ މަރުޙަލާތަކުގެ ސަލާމަތްތެރިކަމާމެދު އާންމުންގެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށް ޓްރާންސްޕޭރެންސީން ވަނީ ބުނެފައެވެ.

ޓްރާންސްޕޭރެންސީން ނެރުނު ބަޔާނުގައި ވަނީ 5 ކަމަކަށް ގޮވާލާފައެވެ. އެގޮތުން އަސާސީ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، ޑިމޮކްރެޓިކް ވެރިކަމަށް މި ބިލުގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ފާޅުކުރެވިފައިވާ ސީރިއަސް ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، މޯލްޑިވްސް މީޑިއާ ބްރޯޑްކާސްޓިންގ ބިލު ތަޞްދީޤު ނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ޓްރާންސްޕޭރެންސީން ވަނީ ގޮވާލާފައެވެ.

އަދި ޤާނޫނީ ގޮތުން ލިބިދޭ ޙައްޤުތަކުގެ ތެރެއިން ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަމުންދަނިކޮށް ހައްޔަރުކުރެވުނު ހުރިހާ ނޫސްވެރިން ވަގުތުން ދޫކޮށްލުމަށާއި، އިތުރު ފުރައްސާރައަކުން އެމީހުން ރައްކާތެރިކޮށް ޙިމާޔަތްކުރުން ކަށަވަރުކުރުމަށް ކަމާބެހޭ އިދާރާތަކަށް ވަނީ ގޮވާލާފައެވެ.

ހަމައެއާއެކު މި ބިލު ދިރާސާކޮށް ފާސްކުރުމުގައި ހިނގާފައިވާ އިޖުރާއީ އޮޅުންތަކާއި ޤާނޫނީ އިޖުރާއަތުތަކާ ޚިލާފުވެފައިވާ ކަންކަމާ ގުޅޭގޮތުން މުސްތަޤިއްލު އަދި ވަކިފަރާތަކަށް ނުޖެހޭ ތަހުގީގެއް ހިންގުމަށް ޓްރާންސްޕޭރެންސީން ވަނީ ރައްޔިތުންގެ މަޖިލީހަށް ގޮވާލާފައެވެ.

އަދި މުޒާހަރާކުރި ފަރާތްތަކާއި ނޫސްވެރިންނާ ދެކޮޅަށް ހައްދުފަހަނައަޅާފައިވާ ބާރުގެ ބޭނުންކުރިކަމާ ގުޅޭގޮތުން ފުރިހަމަ، ހާމަކަން ބޮޑު އަދި ޖަވާބުދާރީވާންޖެހޭ ތަހުގީގެއް ހިންގައި، ޒިންމާދާރު ފަރާތްތައް ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ފުރިހަމައަށް ޖަވާބުދާރީކުރުވުން ކަށަވަރުކުރުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ޓްރާންސްޕޭރެންސީން ސަރުކާރާއި ކަމާގުޅުންހުރި ފަރާތްތަކަށް ގޮވާލާފައި ވަނީ މީޑިއާ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އަދި ޢާންމުންގެ ބައިވެރިވުމަށް އަސަރުކުރާނެ އެއްވެސް ޤާނޫނެއް އެކުލަވާލުމުގައި ނޫސްވެރިންނާއި، މަދަނީ ޖަމިއްޔާތަކާއި، އަދި އެހެނިހެން ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި، އެންމެންގެ ބައިވެރިވުން ހިމެނޭ އަދި މާނަހުރި މަޝްވަރާތަކެއް ކުރުމަށެވެ. އަދި މިފަދަ ޤާނޫނުތަކުގައި ޑިމޮކްރެޓިކް އުސޫލުތައް ހިމެނި، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރެވިފައިވާކަން ކަށަވަރުކުރުމަށްވެސް ވަނީ ގޮވާލާފައެވެ.

ޓްރާންސްޕޭރެންސީން ބުނީ މި ނުރައްކާތެރި ޤާނޫނާ ދެކޮޅަށް އަޑުއުފުލާ ނޫސްވެރިންނާއި މީޑިއާގެ މަސައްކަތްތެރިންނާއެކު ވަރުގަދައަށް އެއްބައިވަންތަކަމާއެކު ތިބޭނެކަމަށެވެ. އަދި އަބަދުވެސް ޑިމޮކްރަސީއާއި ރައްޔިތުންގެ އަސާސީ ޙައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އެ ޖަމިއްޔާއިން ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު