ފަލަސްތީނުގެ ދައުލަތް ބަލައިގަތް ގައުމުތަކުގެ ވެރިން-
ފަލަސްތީނުގެ ދައުލަތް ބަލައިގަތް ގައުމުތަކުގެ ވެރިން-
ދުނިޔޭގެ ސަމާލުކަން ޣައްޒާއަށް ހުއްޓިފައިވާ މި ދަނޑިވަޅުގައި، ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އިނގިރޭސިވިލާތާއި ކެނެޑާ އަދި އޮސްޓްރޭލިޔާއިން ބަލައިގެންފިއެވެ.

މި ނިންމުމަކީ ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިޘާއަށް ހުޅަނގުގެ ބޮޑެތި ޤައުމުތަކުން ދެމުންދާ ތާއީދުގެ މުހިންމު ފިޔަވަޅެކެވެ.

2023 ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގެ ސަބަބުން، މިހާތަނަށް 65،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ހުރަސްއަޅަމުންދާތީ، އެ ސަރަޙައްދުގައި ވަނީ ބޮޑު ބަނޑުހައިހޫނުކަމެއް ފެތުރިފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޝަހީދުވާ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ މި ނާޒުކު ޙާލަތުގައި، މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްޠީނުގެ މިނިވަންކަމަށް ގޮވާލައި މުޒާހަރާތައް ދަނީ ބާރުގަދަވަމުންނެވެ.

މި ޙާލަތުގައި، ޣައްޒާއަށް އެހީގެ ސާމާނު ވައްދައި ދާއިމީ ސުލްޙަ ޤާއިމް ކުރުމަށް ބާރުއެޅުމުގެ ގޮތުން، ހުޅަނގުގެ ބައެއް ޤައުމުތަކުން ވަނީ އދގެ އާއްމު މަޖިލީހުގެ އަހަރީ ބައްދަލުވުމުގެ ކުރިން ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމާފައެވެ.

މީގެ ކުރިން 140 އަށްވުރެ ގިނަ ޤައުމު ފަލަސްޠީނުގެ މިނިވަންކަން ބަލައިގަނެފައިވާ އިރު، ޒަމާނުއްސުރެ ޔަހޫދީންގެ ވާގިވެރިންގެ ގޮތުގައި ތިބި އިނގިރޭސިވިލާތާއި ކެނެޑާ އަދި އޮސްޓްރޭލިޔާ ވެސް މިހާރު މި ވަނީ މި މުހިންމު ލިސްޓަށް އިތުރުވެފައެވެ.

ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ކަމަކީ އިނގިރޭސިވިލާތުން ފަލަސްޠީނުގެ މިނިވަންކަން ބަލައިގަތުމެވެ. އެއީ އެ ޤައުމަކީ އެންމެ ފުރަތަމަ ޔަހޫދީ ދައުލަތް އުފެއްދުމުގައި ބޮޑު ދައުރެއް އަދާ ކުރި ޤައުމަކަށް ވާތީއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ކީރު ސްޓާމަރ ވިދާޅުވީ ޣައްޒާއަށް ކުރިމަތިކުރުވާފައިވާ އިންސާނީ ކާރިޘާ މީގެ ކުރިން ގޯސް ނުވާ މިންވަރަށް ގޯސްވެފައިވާ ކަމަށެވެ. ޔަހޫދީ ސަރުކާރުން ޣައްޒާއަށް ހުއްޓުމެއްނެތި ދެމުންދާ ޙަމަލާތަކާއި، ބަނޑުހައިހޫނުކަމުގެ ޙާލަތާއި ދެމުންދާ ފަނާކުރަނިވި ގެއްލުމަކީ އެއްވެސް ޙާލަތެއްގައި ބަލައިގެނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވަނީ މި ތިން ޤައުމުގެ ނިންމުމަށް މަރުޙަބާ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ، މި ނިންމުމަކީ ޔަހޫދީ ދައުލަތާއެކު ފަލަސްޠީނުގެ ދައުލަތަށް ވެސް ސަލާމަތާއި ސުލްޙައާއެކު ދިރިއުޅުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު