އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް
ރާއްޖޭގައި ސެލްފް ރެގިއުލޭޓަރީ މީޑިއާ ކޮމިޝަނެއް އުފައްދައި، މިނިވަން މުވައްސަސާތަކަށް މެންބަރުން އައްޔަން ކުރުމުގެ އެއްވެސް ބާރެއް ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ އޮތުން ނިމުމަކަށް ގެންނަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނާއި ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ގެންގުޅުއްވާ ތަސައްވުރާއި ފަލްސަފާ ހިއްސާކުރެއްވުމަށް ސިލްސިލާ ގޮތެއްގައި ނެރެމުން އަންނަ "ރީބޫޓް މޯލްޑިވްސް" ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ފައްޔާޒް ވިދާޅުވީ ޤާނޫނު އަސާސީގައި ސަރީހަކޮށް ލިޔެފައި ނެތް ކަމުގައި ވިޔަސް މީޑިއާ އަކީ ދައުލަތުގެ ހަތަރުވަނަ ބާރު ކަމަށެވެ. އެހެންކަމުން މީޑިއާ ކޮމިޝަނަށް މެންބަރުން އައްޔަންކުރުމުގެ ބާރު ސަރުކާާރާއި މަޖިލީހަށް އޮވެގެން ނުވާނެ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ މީޑިއާގެ ބޭފުޅުންގެ ވޯޓުން މެންބަރުން އައްޔަނުކުރުން ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ފައްޔާޒު ވިދާޅުވީ މީޑިއާގެ މިނިވަން ކޮމިޝަނެއްގެ ވާހަކަ ޤާނޫނުއަސާސީގައި ލިޔެވެންޖެހޭ ކަމަށާއި، އެ ކޮމިޝަނަކީ ޤާނޫނު އަސާސީން ބާރު ލިބިގެން އުފެދޭ، އަދި ސެލްފް ރެގިއުލޭޓަރީ ކޮމިޝަނަކަށް ވާން ޖެހޭ ކަމަށެވެ.

މި ކޮމިޝަނަކީ ކަނޑައެޅޭ ކްރައިޓީރިއާތަކެއްގައި ހިމެނިގެން ވަކި ޝަރުތުތަަކަކާއި ވަކި އުމުރެއް ހަމަވެފައިވާ މީޑިއާތަކާއި ބްރޯޑްކާސްޓަރުން ވޯޓުލައިގެން ހޮވޭ މެންބަރުން ތިއްބަވާ ކޮމިޝަނަކަށް ވާާންޖެހޭނެ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވެފައި މިވަނީ ދާދި ފަހުން ފާސްކުރި މީޑިއާ ރެގިއުލޭޝަން ޤާނޫނުގައި މީޑިއާތައް ރެގިއުލޭޓުކުރުމަށް ކޮމިޝަނެއް އުފެއްދުމަށް ހިމަނާފައިވާތީއެވެ. މި ކޮމިޝަނަކީ ކުރިން ހިންގަމުން އައި މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަން އެއްކޮށްލައިގެން އުފައްދާ ކޮމިޝަނެކެވެ. 7 މެންބަރުން ތިއްބަވާ މި ކޮމިޝަނުގައި 3 މެންބަރުން އައްޔަންކުރަނީ ރައްޔިތުންގެ މަޖިލީހުންނެވެ.

ފައްޔާޒްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ މިނިވަން މުވައްސަސާތަކަށް މެންބަރުން އައްޔަން ކުރުމުގެ އެއްވެސް ބާރެއް ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ އޮތުން ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ.

މިނިވަން މުވައްސަސާތަކުގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން ފަދަ މުވައްސަސާތަކުގެ އިތުރުން ކޯޓުތަކުގެ ފަނޑިޔާރުންނެވެ.

ފައްޔާޒު ވިދާޅުވީ މިނިވަން މުވައްސަސާތައް ދައުލަތުގެ ތެރޭގައި ޤާއިމުކޮށްފައިވުމުގެ ބޭނުމަކީ ސަރުކާރަށާއި ދެން ހުރި ބާރުތަކަށް ފާރަވެރި ވުން ކަމަށެވެ. އެހެންކަމުން އެ މުވައްސަސާތަކަށް މެންބަރުން އައްޔަންކުރުން ރައީސްގެ އަތްމައްޗަށް ދޫކޮށްލާފައި އޮތުމުން އެ މުވައްސަސާތަކުގެ މިނިވަންކަމުގެ ސިފަ ގެއްލިގެންދާކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އޭގެ ބަދަލުގައި ޤާނޫނުއަސާސީގައި އެ މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކާއި ސިފަތައް ކަނޑައެޅުމަށްފަހު، ރައްޔިތުންގެ މަޖިލީހުން އިޢުލާންކޮށް، ޝަރުތު ހަމަވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ދިނުމަށް ފައްޔާޒު ވަނީ ހުށަހަޅުއްވާފައެވެ. އަދި މެންބަރުން އައްޔަނު ވުމަށްފަހު އެމީހެއްގެ މަޤާމުން ވަކި ކުރުމުގެ ބާރު ދައުލަތުގެ އެހެން ބާރަކަށް ދިނުމުގެ ބަދަލުގައި އެ ބާރު ސީދާ ރައްޔިތުންނަށް ލިބޭ ގޮތެއް ފައްޔާޒު ހުށަހެޅުއްވިއެވެ.

ފައްޔާޒު މިފަދައިން ވާހަކަ ދެއްކެވި ނަމަވެސް ދެ ދައުރުގައި އެމްޑީޕީ އަށް ވެރިކަން ކުރަން ލިބުނު އިރުވެސް މިވާހަކަތައް މިގޮތަށް ދައްކައި އަދި އެގޮތަށް ޢަމަލުކުރަން މަސައްކަތް ކޮށްފަ އެއް ވެސް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު