އަމިއްލަ ހިޔާލުފާޅުކުރުމަށް ދަރިޔަކަށް މަނާ ނުކުރަައްވާކަމަށާއި، ބައްޕަގެ ހައިސިއްޔަތުން ބުނަންޖެހޭ އެއްޗެއް ބުނެފައިވާނެކަަމަށް އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.

ފިރާގު މިހެން ވިދާޅުވެފައިމިވަނީ ފިރާގުގެ ދަރިފުޅު، އަލީ ރަޝްވާން މުޙައްމަދު، "މީޑިއާ ބިލަކީ ސޯޝަލް މީޑިއާ ކޮންޓްރޯލް ކުރަން ސަރުކާރުން ހަދާ ކަލްކިއުލޭޓެޑް ސްޓްރެޓަޖީއެއް" ކަމަށް ބުނެ މީޑިއާ ބިލާ ގުޅޭ ފޯރަމެއްގައި ވާހަކަދައްކައި އެބިލާ ދެކޮޅަށް ޝުޢޫރު ފާޅުކޮށް، ގިނަބައެއްގެ ތަރުހީބު ލިބިފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން ރަޝްވާން، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ބައްދަލުކުރައްވާތަން ފެންނަ ފޮޓޯއެއް ހިއްސާ ކުރައްވަމުން ރަޝްވާންގެ ބައްޕަ، ފިރާގު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިޔަކު އަމިއްލަ ވިސްނުމުން ވިސްނައި، އަމިއްލަ ހިޔާލުފާޅު ކުރުން މަނަލެއް ނުކުރެވޭނެކަމަށެވެ. އަދި ބެލެނިވެރިޔަކަށް ވާތީ، ބައްޕަގެ ހައިސިއްޔަތުން ބުނަން ޖެހޭ ވާހަކަތައް ބުނެފައިވާނެކަމަށް ފިރާގު ފާހަގަކުރެއްވިއެވެ.

ފިރާގު ވިދާޅުވީ ޒުވާން ކުދިންނަށް ވެސް މިރާއްޖޭގައި ހިނގާ ކަންކަން އޮޅުން ފިލާކަމަށެވެ. އަދި އޭނާގެ ދަރިފުޅުގެ އުމުރުން 16 އަހަރުގައިވެސް ރާއްޖޭގައި ހިނގާ ކަންކަމާ ބެހޭގޮތުން ހިޔާލުކުރާކަމަށް ފިރާގު ފާހަގަ ކުރެއްވިއެވެ.

މީޑިއާ ބިލާ ގުޅޭ ގޮތުން އާންމުކޮށް ޚިޔާލު ހޯދުމަށް ނޫސްވެރިންގެ ޖަމިއްޔާ، އެމް.ޖޭ.އޭއިން ބޭއްވި ފޯރަމެއްގައި، މެލޭޝިއާއިން މަތީ ތަޢުލީމު ޙާޞިލުކޮށް އަދި މިފަހަކަށް އައިސް މިފަދަ ކަންކަމާ ގުޅޭ ގޮތުން މީސްމީޑިއާގައި ވަރަށް ބޮޑަށް ވަކާލާތުކުރާ ކަން ފާހަގަކުރެވިފައިވާ ޒުވާނާ، އަލީ ރަޝްވާން މުޙައްމަދުގެ ދެއްކި ވާހަކަތަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު