ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަނިޔާވެރިކޮށް އުޅޭނަމަ ލިބޭނީ ހުސް ނަފްރަތާއި ރުޅިވެރިކަން ކަމަށް ކުރީގެ ނާއިބް ރައީސް ޑރ .މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވެފައި ވަނީ އޮކްޓޯބަރު 3 ވަނަ ދުވަހު އެމްޑީޕީން ކުރިއަށްގެންދާ 'ލޫޓުވާލައިފި' މުޒާހަރާ ޕްރޮމޯޓު ކުރުމުގެ ގޮތުން ދަމާފައިހުރި ބެނާތައް މާލެ ސިޓީ ކައުންސިލާއި އެޗްޑީސީން ނަގަން ފެށުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ޖަމީލު ވިދާޅުވީ މިފެންވަރުގެ ދަށުދަރަޖައިގެ އަމަލުތަކުން ސަރުކާރުތައް މިހާރު އަރައިގަންނަން ޖެހޭ ކަމަށެވެ.

"ސުޕަރ މެޖޯރިޓީ މުއިއްޒަށް އެބައޮތް. ހަދާނެ ހެއްޗެއް ގާނޫނީ ނިޒާމަށް އެބަ ހަދާ. ދެން މިވަރަށް ނުފުދިގެން އުޅެންވީ ކީއްވެ؟" ޖަމީލު ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ވެރިކަންވެސް ނިމޭނެކަން ފާހަގަކުރަމުން ޖަމީލު ވިދާޅުވީ މިގޮތަށް އަނިޔާވެރިކޮށް އުޅޭނަމަ ލިބޭނީ ހުސް ނަފުރަތާ ރުޅިވެރިކަން ކަމަށެވެ.

ޖަމީލު ވިދާޅުވީ މިއީ އެންމެންނަށްވެސް އެއްވަރަކަށް ހައްގު ލިބިގެންވާ ޑިމޮކްރެޓިކް ގައުމެއްކަން ހަނދާންް ކުރަން ޖެހޭ ކަމަށެވެ.

އަދި އެކަކުވެސް މި ސަރުކާރު ދެކެ ބިރެއް ނުގަންނަ ކަމަށާއި، މިގޮތަށް ސަރުކާރުން ކަންތައް ކުރިކަމުގައިވީނަމަވެސް ކުރާކަމެއް ހުއްޓާވެސް ނުލާނެ ކަމަށް ޖަމީލު ވަނީ ވިދާޅުވެފައެވެ.

"އެކަކުވެސް މުއިއްޒާ ސަރުކާރު ދެކެ ބިރެއް ނުގަނޭ! ކުރާކަމެއް ހުއްޓާވެސް ނުލާނެ! ފަހަތަށް ޖެހޭނެ އެކަކުވެސް ނެތް!" ބެނާތައް ނެގުމުން ސަރުކާރަށް ފާޑުވިދާޅުވެ ޖަމީލު ކުރި ޕޯސްޓުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު