ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު
ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު
ޒިންމާ އުފުލުމެއްނެތި ކުރީގެ އޮޑިޓޭކިޔަސް ރައްޔިތުން މަގުތަކަށް ނިކުންނާނެ ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޑރ. ޝަމްހީދު ވިދާޅުވީ، ދަޢުލަތުގެ ކުންފުނިތައް އޮޑިޓް ކުރުމާއި، އޮޑިޓްތަކުން ފެންނަން ހުންނަ އިހުމާލުތައް ހުއްޓުވުމަށްޓަކައި ފިޔަވަޅުއެޅުމަށް ތާޢީދު ކުރަށްވައި ވަކާލާތު ކުރަށްވާ ކަމަށެވެ. ނަމަވެސް ވަކި ތާރީޚުތަކަކަށް ޓާގެޓްކޮށް އޮޑިޓް ކުރުމަކީ ޙަޤީޤީ އިންސާފު ނޫން ކަމަށްވެސް ޝަމްހީދު ވިދާޅުވިއެވެ.

ޝަމްހީދު މިއަދު ވިދާޅުވީ، މާލިއްޔަތު ކޮމިޓީގައި 2013 އިން ފެށިގެން 2024 ގެ ނިޔަލަށް ދަޢުލަތުގެ ބައެއް ކުންފުނިތަކުގެ އޮޑިޓްތައް އެބަހުރި ކަމަށާއި، ނަމަވެސް އޭގެން ބައެއް ފައިލްތައް މިހާރު ގެއްލިފައިވާ ކަމަށެވެ. އެހެންކަމުން އެއީވެސް ބަލަންޖެހޭ ކަމެއް ކަމަށް ޝަމްހީދު ވިދާޅުވިއެވެ.

"ކުންފުނިތަކުގެ ބިލިއަން ރުފިޔާގެ ކޮރަޕްޝަންގެ މައްސަލަތައް ހުރި. ކުއްލިއަކަށް އެ މައްސަލަތައް ގެނައި. ސަރުކާރުތެރޭގައި ހިނގި ޕްރޮކިއުމަންޓް އުސޫލުތަކުގެ ވާހަކަ މިދައްކަނީ. ފަހުން ވަކި ހިސާބަކުން ގެއްލިއްޖެ ހުރިހާ އެއްޗެއް. އަޅުގަނޑުމެންގެ ފައިލްތަކުންވެސް ގެންގޮސްފި." ޑރ. ޝަމްހީދު ވިދާޅުވިއެވެ.

ކުންފުނިތަކުގެ މައްސަލަތަކުގެ ބައެއް ތަފްސީލް ދެއްވަމުން ޝަމްހީދު ވިދާޅުވީ އާރުޑީސީގެ 2015 އިން 2017 ގެ ރިޕޯޓުގައި ކަންބޮޑުވާ މައްސަލަތަކެއް ހުރި ކަމަށެވެ. މިހާރު ފެންމަތިވެގެން އުޅޭ ފެނަކައިގެ ރިޕޯޓުގައި ހުރި ވާހަކަތައް ގާތްގަނޑަކަށް ހިމެނޭ ފެނަކައިގެ 2015ގެ ރިޕޯޓެއް އޮތް ކަމަށްވެސް ޝަމްހީދު ވަނީ ވިދާޅުވެފައެވެ.

"މި ރިޕޯޓްތަކުގައި އެބަހުރި ތ. އަތޮޅަށް ތެޔޮ ވިއްކާފައި އެބަހުރި އެފްއެސްއެމް އިން ދޭ ރޭޓަށްވުރެ ދޮޅު ރުފިޔާ އަގު ބޮޑުކޮށް. ކޮންމެސް މެންބަރުންތަކެއް ސަޕްލައި ކުރީ. ފަހަރެއްގައި ވެދާނެ." ޑރ. ޝަމްހީދު ވިދާޅުވިއެވެ.

ހަމައެއާއެކު 2017 އިން 2018 އަށް ކޮށްފައިވާ އެޗްޑީސީގެ އޮޑިޓް ރިޕޯޓުގައިވެސް ކަންބޮޑުވުންތައް ހުރިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"ފަސްފުންޏެއް ގެންދަން 18 މިލިއަން ހޭދަކުރި ވާހަކަ ހަނދާނުގައި ހުންނާނެ." ޑރ. ޝަމްހީދު ވިދާޅުވިއެވެ.

ޑރ. ޝަމްހީދު މިއަދު ވިދާޅުވީ ކޮރަޕްޝަން ހުއްޓުވަން ބޭނުންނަމަ ފުރަތަމަ ފަށަންވީ ކައިރިން ކަމަށާއި، މިއަދު އިސް މަޤާމުތަކުގައި އަރިސްކޮށް ތިއްބެވި ބައެއް ބޭފުޅުންގެ މައްސަލަތައް ނުބަލާނަމަ ކޮރަޕްޝަން ހުއްޓުވުމުގައި އިޚްލާސްތެރި މަސައްކަތެއް ކުރަށްވާކަމަށް ދެންނެވެން ނެތް ކަމަށެވެ.

އަދި ސަރުކާރުން ޒިންމާއިން ރެކެން މަސައްކަތް ކުރެއްވި ނަމަވެސް 17 ނޮވެމްބަރުގައި ރައްޔިތުން މަގުތަކަށް ނިކުންނާނެ ކަމަށް ޑރ. ޝަމްހީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް