އިނގިރޭސި ލީގު ކަޕްގައި އާސެނަލާއި ލެސްޓާ ސިޓީ ބައްދަލު ކުރި މެޗުގެ ތެރެއިން
އިނގިރޭސި ލީގު ކަޕްގައި އާސެނަލާއި ލެސްޓާ ސިޓީ ބައްދަލު ކުރި މެޗުގެ ތެރެއިން
އިނގިރޭސި ލީގު ކަޕްގައި ރޭ ކުޅުނު މެޗްތައް އާސެނަލް އާއި، ޗެލްސީ ގެ އިތުރުން ނިއުކާސަލް އާއި އެވަޓަން ކާމިޔާބުކޮށްފިއެވެ.

ލީގު ކަޕުގެ ތިންވަނަ ބުރުގައި ރޭ ކުޅުނު އެންމެ ފޯރިގަދަ މެޗުގައި އާސެނަލާއި ލެސްޓާ ސިޓީ ބައްދަލު ކުރި މެޗު އާސެނަލުން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ލަނޑަކީ މެޗުގެ 57 ވަނަ މިނަޓްގައި ލެސްޓާގެ ޑިފެންޑަރު ކްރިސްޓިއަން ފުޗްސްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އާސެނަލްގެ ދެވަނަ ލަނޑު މެޗްގެ ފަހު ވަގުތު ކޮޅުގައި އާސެނަލަށް ކާމިޔާބު ކޮށްދިނީ އެޑްވާޑް ނިކެޓިއަހް އެވެ.

މިމެޗުން މޮޅުވެ އާސެނަލުން ހަތަރު ވަނަ ބުރުގެ ޖާގަ ކަށަވަރު ކުރިއިރު މިރޭ ލިވަޕޫލުން ލީގް ވަންގެ ލިންކޮލޮން ބަލިކޮށްފި ނަމަ އާސެނަލް ނިކުންނަން ޖެހޭނީ ޕްރިމިއާ ލީގު ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށެވެ.

ޗެލްސީ އާއި ބާންސްލޭގެ ކުރިމަތިލުން



މިރޭ ޗެލްސީންވެސް ވަނީ އެ ޓީމު ކުޅުނު މެޗު ކާމިޔާބުކޮށް ހަތަރު ވަނަ ބުރަށް ދަތުރު ކޮށްފައެވެ. ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ބާންސްލޭގެ މައްޗަށް ކުރި ހޯދީ 6-0 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގެ ފުރަތަމަ ލަނޑު 19 ވަނަ މިނެޓްގައި ޓެމީ އަބްރަހަމް ކާމިޔާބުކުރި އިރު 28 ވަނަ މިނެޓް ގައި ޗެލްސީއިން ވަނީ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މި ލަނޑު މޭސޮން މައުންޓުގެ އެހީ އާއެކު ކާމިޔާބު ކުރީ ހެވާޓްޒް އެވެ.

މެޗުގެ ދެވަނަ ހާފުގައި ޗެލްސީން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބު ކޮށްފައެވެ. ދެވަނަ ހާފްގެ 49 ވަނަ މިނެޓްގައި ރޮސް ބާކްލޭ ތިން ވަނަ ލަނޑު ކާމިޔާބު ކުރިއިރު އޭގެ ހަމިނެޓް ފަހުން އަބްރަހަމްގެ އެހީ އާއެކު ހެވާޓްޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. ޗެލްސީގެ ފަސް ވަނަ ލަނޑަކީވެސް އަބްރަހަމްގެ އެހީއާއެކު ހެވާޓްޒް ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑާއި އެކު ހެވާޓްޒް ހެޓްރިކް ހެދިއިރު މެޗުގެ ފަހު ލަނޑު ޗިލްވެލްގެ އެހީ އާއެކު ޗެލްސީއަށް ކާމިޔާބު ކޮށްދިނީ އޮލިވާ ޖިރޫޑެވެ.

އެވަޓަން އާއި ފްލީޓްވޫޑް ބައްދަލުކުރި މެޗް



އިނގިރޭސި ލީގު ކަޕްގެ ހަތަރުވަނަ ބުރުން އެވަޓަން ޖާގަ ހޯދީ ރޭ ފްލީޓްވޫޑް ޓައުން އާއި ބައްދަލުކޮށް 5-2 ގެ ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ.

މި މެޗުގެ ފުރަތަމަ ލަނޑު 22 ވަނަ މިނެޓްގައި އެވަޓަންގެ ރިޗާލިސަން ކާމިޔާބު ކުރިއިރު ދެވަނަ ލަނޑުވެސް ކާމިޔާބު ކުރީ އޭނާއެވެ. ދެވަނަ ހާފަށް ނިކުމެ ފްލީޓްވޫޑުގެ މާކް ޑަފީ ލަނޑެއް ކާމިޔާބުކޮށްފައި ވަނިކޮށް އޭގެ މިނެޓެއް ފަހުން އެވަޓަން އިން އަނެއްކާވެސް ވަނީ ލަނޑެއް ކާމިޔާބު ކޮށްފައެވެ. މި ލަނޑު އެލެކްސް ލޮބީ އެވަޓަނަށް ކާމިޔާބު ކޮށްދިން އިރު މެޗުގެ 58 ވަނަ މިނެޓްގައި ކެމްޕަސް ވަނީ ފްލީޓްވޫޑުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. އެވަޓަންގެ ފަހު ދެ ލަނޑު ކާމިޔާބުކުރީ ބާނާޑް އާއި މޮއިސް ކީނެވެ.

ނިއުކާސަލް އާއި މޯކަމްބޭ ބައްދަލުކުރި މެޗް

ރޭ ނިއުކާސަލް ވެސް ވަނީ ލީގު ކަޕްގެ ހަތަރު ވަނަ ބުރުން ޖާގަ ހޯދާފައެވެ.

މޯކަމްބޭ އާއި ބައްދަލުކޮށް 7-0 ގެ ނަތީޖާ އަކުން ނިއުކާސަލް ކާމިޔާބުކުރި މިމެޗު ފެށިގެން ފަސްވަނަ މިނެޓްގައި ޖޮއިލިންޓަން ފުރަތަމަ ލަނޑު ކާމިޔާބު ކުރިއިރު 20 ވަނަ މިނެޓްގައި މިގުއެލް އަލްމިރޮން ވަނީ ދެވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. އޭގެ ހަތް މިނެޓްފަހުން މަރޕީ ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކުރި އިރު ޖޮއިލިންޓަން ވަނީ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށް ދީފައެވެ. ފުރަތަމަ ހާފް ނިމެން ދަނިކޮށް ނިއުކާސަލަށް ފަސްވަނަ ލަނޑު ކާމިޔާބުކޮށް ދިނީ ހައިޑެން އެވެ.

ދެވަނަ ހާފްގައި ނިއުކާސަލް އިން އިތުރު ދެ ލަނޑު ކާމިޔާބު ކުރިއިރު ފަހު ލަނޑަކީ މެޗުގެ ފަހު ވަގުތުކޮޅު މޯކަމްބޭގެ ސަމް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން