ކުރީގެ ނާއިބް ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ކުރީގެ ނާއިބް ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ދަރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ފަދަ ދޮގުވެރިޔަކަށް ނުވުމަށް މައިންބަފައިން ދުއާ ކުރާނެ ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވެފައި މިވަނީ ދިވެހިންގެ މެދުގައި އަލުން އިޙްތިރާމް އަދި އެކުވެރިކަން އަށަގެންނެވުމުގެ ބޮޑު މަޝްރޫޢެއް އަންނަ އަހަރު ފައްޓަވާނެކަން ރައީސް އިއުލާންކުރެއްވުމާ ގުޅިގެންނެވެ.

ރައީސް ވިދާޅުވީ ދިވެހިންގެ ތެރޭގައި ކުރީގައި އެކަކު އަނެކަކަށް ވަރަށް ލޯތްބާއި ކުލުނާއެކީގައި ހިނިތުންވުމާއެކީގައި އަޅައިލައި އުޅުނު ކަމަށާއި، އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރުމާއި ގާތް ގުޅުން މިއީ ފަޚުރުވެރިކަމާއެކީގައި ބަލައިގަންނަ ކަމެއް ކަމަށެވެ. އެހެންނަމަވެސް، މީގެ އެތައް އަހަރެއް ކުރިން ސިޔާސީ އޮއިވަރެއްގެ ތެރެއަށް ގައުމު ވަދެގެން ދިޔަފަހުން، މިހާރު މި އޮތީ އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރުން ވަރަށް ބޮޑަށް ނެތިފައިކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މިކަން ބަދަލުކޮށް، ކުރީގައި އޮތް ގޮތަށް އެކުވެރި މުޖުތަމަޢެއް ބިނާކުރެއްވުމަށް އެމަނިކުފާނު ބޭނުންފުޅުވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ޖަމީލް ވިދާޅުވީ މުއިއްޒަކީ އިޙްތިރާމް، ރެސްޕެކްޓް ދަންނަ މީހެއް ނޫން ކަމަށެވެ.

އަދި ރައީސްގެ ނިތްކުރިން ފެށިގެން ބޮޑުވާ އިނގިއްޔާ ހަމައަށް ތަމްސީލުކުރަނީ ވައުދާ ޚިލާފުވުމާއި، އަމާނާތްތަކަށް ހިޔާނާތްތެރިވުމާއި ޝުކުރުވެރި ނުވުން ކަމަށް ޖަމީލް ވިދާޅުވިއެވެ.

"މައިންބަފައިން ދުޢާކުރާނެ އެމީހުންގެ ދަރިން މުއިއްޒު ފަދަ ދޮގުވެރިޔަކަށް ނުވުމަށް!" ޖަމީލްގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު