ފުލުހުން ހައްޔަރުކުރި ދެމީހުން
ފުލުހުން ހައްޔަރުކުރި ދެމީހުން
މީހަކު ރަހީނުކުރުމަށްފަހު ތޫނު ހަތިޔާރު ބޭނުންކޮށްގެން އެމީހާއަށް ބިރުދައްކައިގެން ފައިސާތަކެއް ހޯދާފައިވާ މައްސަލައަކާ ގުޅިގެން ދެމީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 1 ދުވަހުގެރޭގެ ވަގުތެއްގައި ހުޅުމާލޭ ގެއެއްގެ ތެރޭގައި މީހަކު ރަހީނުކުރުމަށްފަހު ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކައި މާރާމާރީ ހިންގައި، އޭނާގެ ބަރަހަނާކޮށް، ފޮޓޯ އާއި ވީޑިއޯ ނަގައި ފޯނާއި ފައިސާ ހޯދުމަށްފަހު އިތުރަށް ފައިސާ ހޯދަން އުޅުނު މައްސަލައެއްގައި 2 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ފިއްލަދޫ / ސީރީންމަންޒިލް، މުހައްމަދު ޟަމީރު (29އ) އާއި ގދ. ނަޑެއްލާ / ހިތަށްފިނިވާގެ، ޝަހުމީން ރަޝީދު (27އ) އެވެ. އެ ދެމީހުންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އޮކްޓޫބަރު 4 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލެއިންނެވެ.

މިމައްސަލައާ ގުޅިގެން އެދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ޝަހުމީން ރަޝީދު ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. އަދި މުހައްމަދު ޟަމީރުއަށް ވަނީ 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.

ފުލުހުން ބުނީ މިމައްސަލަ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު