ހުކުރު ހުތުބާއެއް އަޑުއިއްވަނީ-
ހުކުރު ހުތުބާއެއް އަޑުއިއްވަނީ-
ހަލާލު ގޮތުގައި ރިޒުޤު ހޯދުމަކީ އަޅުގަނޑުމެންގެ މުދަލުގައި މާތް ﷲ ބަރަކާތް ލައްވާ ކަމެއް ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"މުދަލުގެ ޙުރުމަތް" މި މައުޟޫއަށް މިއަދު އިއްވި ހުކުރު ޚުޠުބާގައި ބުނީ ކޮންމެ އިންސާނެއްގެ އަޖަލާއި، އޭނާގެ ރިޒުޤާއި، އޭނާއަކީ ބާއްޖަވެރިއެއްކަން ނުވަތަ އަބާއްޖަވެރިއެއްކަން ލިޔުއްވާފައި ވާކަމަށެވެ. އަދި އެއްވެސް އިންސާނަކަށް މާތް ﷲ ކަނޑައަޅުއްވާފައިވާ ރިޒުޤު ފުރިހަމަވުމުގެ ކުރިން އޭނާގެ އަޖަލާ ބައްދަލެއް ނުކުރާނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ހުތުބާގައި ބުނީ މާތް ﷲ އިންސާނާއަށް ދެއްވި މުދަލަކީ ހުރުމަތްތެރިވެގެންވާ އެއްޗެއް ކަމުގައެވެ. އަދި އެއްވެސް މީހަކު އަނެކާގެ މުދަލަކަށް ހައްޤަކާ ނުލާ އަރައިގަތުމަކީ އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ ކަމެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

"ހަމަކަށަވަރުން، ތިޔަބައިމީހުންގެ ލެޔާއި މުދަލާއި އަބުރަކީ ހުރުމަތްތެރިވެގެންވާ އެއްޗެކެވެ. މިއަދު (އެބަހީ: އަރަފާތް ދުވަސް) ހުރުމަތްތެރިވީ ފަދައިންނެވެ. މި މައްސަރު (އެބަހީ: ޛުލްޙިއްޖާ މަސް) ހުރުމަތްތެރިވީ ފަދައިންނެވެ. މި ރަށް (އެބަހީ: މައްކާ ހުރުމަތްތެރިވީ ފަދައިންނެވެ" ޙައްޖަތުލް ވަދާއުގެ ޚުތުބާގައި ރަސޫލާ ވިދާޅުވި ބަސްފުޅެއްގެ މާނާގައި ވާކަަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

މިއަދުގެ ހުތުބާގައި އިސްލާމް ދީނުގައި މުދާ ހޯދައި އެ މުދާ މިލްކުކުރުމުގެ ހަރުދަނާ އުސޫލުތަކެއް ކަނޑައަޅާފައި ވާކަމަށް ފާހަގަކޮށްފައިވެއެވެ. އެގޮތުން ބާތިލްގޮތުގައި މީސްތަކުންގެ މުދާ ނުކެއުމަށާއި، ހެޔޮގޮތުގައި ވިޔަފާރިކޮށް ދިރިއުޅުން ބާއްޖަވެރިކުރަން މަސައްކަތް ކުރަން ދީނުގައި އަންގަވާފައިވާ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

"ހަލާލު ގޮތުގައި މުދާ ހޯދުމަކީ އަހަރެމެންގެ މުދަލުގައި މާތް ﷲ ބަރަކާތް ލައްވާނެ ކަމެކެވެ. އަދި އަހަރެމެންގެ އަމަލުތައް މާތް ﷲގެ ހަޟްރަތުގައި ގަބޫލުކުރެވޭނެ ކަމެކެވެ. ޚަޔާތައް އުފާވެރިކަމާއި ބާއްޖަވެރިކަން ގެނެސްދޭ ކަމެކެވެ." ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ ހަރާމްގޮތުގައި މުދާ ހޯދުމަކީ މުދަލުގެ ބަރަކާތް ކެނޑޭ ކަމެއް ކަމަށާއި، އަދި އަމަލުތައް ގަބޫލުވެވުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ. އަދި މިއީ ދިރިއުޅުމުގެ އުފާވެރިކަމާއި ބާއްޖަވެރިކަން ނެތޭ ކަމެއް ކަމަށާއި، ހަރާމް ގޮތުގައި ހޯދާ ތަނަވަސްކަމަކީ އެމީހެއްގެ ރިޒުޤުކަމުގައި ވެއްޖެނަމަ އެމީހަކަށް ހުރީ އަބާއްޖަވެރިކަން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

އެހެންކަމުން ކޮންމެ މީހަކީވެސް ހަލާލު ގޮތުގައި ރިޒުޤު ހޯދާ، އަދި މާތް ﷲ ހަރާމްކުރެއްވި އެންމެހާ ކަންތައްތަކުން ދުރުހެލިވާ މީހަކު ކަމުގައި ވުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު