މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ދެމީހުން
މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ދެމީހުން
މާލޭގައި މާރާމާރީތަކެއް ހިންގި ހަ މީހަކު ހައްޔަރުކޮށް ބަންދު މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ، މި މަހުގެ 7 ވަނަ ދުވަހުގެ 18:10 އެހައިކަންހާއިރު، ސައިކަލެއްގައި ގޮސް، ބޮޑުތަކުރުފާނު މަގު ފޯސްޓު އޮފީސް ކައިރީ ހުރި މީހަކާމެދު މާރާމާރީ ހިންގާފައިވާ މައްސަލައާ ގުޅިގެން ދެމީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރު ކޮށްފައިވަނީ، ތ. ގާދިއްފުށި، މުސްތަރީގެ، ޝަމާލް ޙުސައިން، އާއި، ލ. މާމެންދޫ، މުރިނގު، ރަޖުވާން ލަޠީފެވެ. އެ ދެ މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

އޭގެއިތުރުން މި މަހުގެ 4 ވަނަ ދުވަހުގެ 20:30 އެހައިކަންހާއިރު ގުރޫޕު ހަދާފައި ސައިކަލުގައި ގޮސް، މއ. ރީނދޫމާގެ ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަތީގައި އިން މީހަކަށް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގާފައިވާ މައްސަލައާ ގުޅިގެން 4 މީހުން ހައްޔަރު ކުރިއެވެ.

އެ މައްސަލާގައި ހައްޔަރު ކޮށްފައިވަނީ، ގއ. މާމެންދޫ، މޯރާ، ޠާއިފް ރަފީޤު އާއި ގދ. ރަތަފަންދޫ، ސަންރައިސް، އަމްސަލް ޢަބްދުﷲ އާއި ލ. ގަން، ތުނޑި ރޯސްބަޑް، އަޙްމަދު ނީޒާދު އާއި ތިނަދޫ ގުލްބަކާގޭ، ޢަބްދުﷲ އިސްރާޤެވެ.

މި މައްސަލައާ ގުޅިގެން މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ހަތަރު މީހުން ވެސް ވަނީ ބަންދުކޮށްފައެވެ. ފުލުހުން ބުނީ މި ދެ މައްސަލަވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު