މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ)
މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ)
25 ލޮރީގެ ސިނގިރެޓު ވަގަށްނެގި މައަސަލަ ނުބަލާ ހިންދާލައިގެން މި ތިބެނީ ކާކުގެ މަސްލަހަތު ފޮރުވަންތޯ ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ސުވާލުކުރައްވައިފިއެވެ.

ވައްޑޭ މި ސުވާލު ކުރައްވާފައި މިވަނީ ރާއްޖެއަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓް އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލެ ބަނދަރުގައި ހުއްޓާ ވަގަށް ނެގި މައްސަލައެއް ދާދި ފަހުން ފެންމަތިވުމާ ގުޅިގެންނެވެ. އެގޮތުން މި ސިނގިރޭޓުތައް ވަގަށް ނަގާފައިވާކަން ކަސްޓަމްސް އަށް އެގިފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލުނު ސިނގިރެޓް ކޮންޓެއިނަރތައް އެތެރެކޮށްފައި ވަނީ "ބިންލާދިން ގްރޫޕް"ގެ ނަމުގައެވެ. އަދި މި ގެއްލުނު ސިނގިރެޓްގެ ޑިއުޓީގެ ގޮތުގައި 122 މިލިއަނަށް ވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެކަމަށް ވެއެވެ.

މިކަމަށް އިޝާރާތް ކުރައްވައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވައްޑޭ ވަނީ ފިހާރަތަކަށް ވަދެ ވަކި ސިގިރޭޓް ވިއްކާތޯ ބަލާއިރު، 25 ލޮރީގެ ސިގިރެޓް ވަގަށް ނެގި މައްސަލަ ނުބަލާ ހިންދާލައިގެން މިތިބެނީ ކާކުގެ މަސްލަހަތު ފޮރުވަންތޯ ވިދާޅުވެ ސުވާލު ކުރައްވާފައެވެ.

ދައުތަލުގެ ބެލުމުގެ ދަށުގައި ހުރި މި ސިނގިރޭޓުތައް ވަގަށް ނެގުމުގައި ސަރުކާރުގެ އިސް ފަރާތެއްގެ ބައިވެރިވުން ވާނޭކަމަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

ދުންފަތް ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެ ކުރުމާއި، ވަގަށް އެތެރެކުރާ ސިނގިރޭޓުގެ ތެރެއިން ކަސްޓަމްސްއިން ހިފަހައްޓާ ސިނގިރޭޓް ގެއްލުމުގެ މައްސަލަތައް މިފަހަކަށް އައިސް ދަނީ ޢާއްމުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު