އިކޮނޮމިކް މިނިސްޓަރ ސައީދު-
އިކޮނޮމިކް މިނިސްޓަރ ސައީދު-
ރާއްޖޭގައި ޕޭޕަލް ހިދުމަތް ތައާރަފް ވުމަކީ ދުނިޔޭގެ ޑިޖިޓަލް އިގްތިސާދުގައި ދިވެހިންނަށް ކުރިއެރުމާއި ފުރުސަތުތައް ހޯދައި ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ހެއްކެއް ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ފެށުމުގެ އިންތިޒާމްތައް ހަމަޖެހިގެން ދިއުމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރގެ ޕޯސްޓުގައި ވިދާޅުވީ ރާއްޖެއަށް ޕޭޕަލް ތައާރަފްކުރުމުގެ ޕާޓްނަރަކަށް އުރީދޫ ފިންޓެކް ވުމާ ގުޅިގެން، އުރީދޫއަށް މަރުހަބާ ކިވިދާޅުވުމަކީ ލިބިވަޑައިގެންނެވި އުފަލެއްކަމުގައެވެ.

ޕޭޕާލް އާއި މުހިންމު ސްޓޭކްހޯލްޑަރުންނާއެކު ވަރަށް ގާތުން ދެމެހެއްޓެނިވި ގޮތެއްގައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ދުނިޔޭގެ ފެންވަރުގައި ކުރިއަރާފައިވާ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމްތައް ދިވެހިރާއްޖެއަށް ގެނައުމަށް ރައީސް ޑރ. މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދު ފުއްދުމުގެ ގޮތުން މި ހިދުމަތް މިހާރު ދިވެހިންނަށް ފަހިކޮށްދެވިފައިވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ މި ކޮލަބޮރޭޝަންގެ ސަބަބުން ޕޭޕާލް އާއި އޫރީދޫގެ އެމް-ފައިސާ ވޮލެޓް ގުޅުވާލުމަށް މަގުފަހިވެގެންދާނެ ކަމަށާއި، މީގެ ސަބަބުން ވިޔަފާރިތަކަށާއި އުފެއްދުންތެރިންނަށް އެމީހުންގެ މަސައްކަތުން ފައިސާ ހޯދައި، ދުނިޔޭގެ އީ-ކޮމާސް ޕްލެޓްފޯމްތަކާ ފަސޭހަކަމާއެކު ގުޅުވާލުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ.

މި ކާމިޔާބީއަކީ، މާލީ ނިޒާމު ހަރުދަނާކޮށް، ހުރަސްތައް ނައްތާލައި، އަދި ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދުގައި ދިވެހިންނަށް ކުރިއަރައި ދިއުމަށް އައު ފުރުޞަތުތައް އުފެއްދުމަށް ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ގެންގުޅެމުން އައި އަޒުމުގެ ހެއްކެއް ކަމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އަދި މިކަން ހަގީގަތަކަށް ހެދުމަށް މަސައްކަތްކޮށްދެއްވި ޕޭޕާލް، އޫރީދޫ ފިންޓެކް، އެމްއެމްއޭ އަދި އެހެނިހެން ހުރިހާ ބައިވެރިންނަށް ޝުކުރު އަދާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު