އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ދާއޫދު
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ދާއޫދު
އެމް.އެމް.ޕީ.އާރް.ސީ ހިޔާނާތާ ގުޅޭ އެެއްވެސް ފައިސާއެއް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ދާއޫދަށް ލިބިފައި ނުވާކަން، ދައުލަތުގެ ފަރާތުން ކުރިއަށް ގެންދިޔަ ތަހުގީގުން ވަރަށް ސާފުކޮށް އެނގޭ ކަމަށް ދާއޫދުގެ ޤާނޫނީ ވަކީލުން ބުނެފިއެވެ.

ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރ ދާއޫދުގެ ވަކީލުންގެ ޓީމުން މިހެން ބުނެފައިވަނީ މިއަދު ރައްގިތުންްގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް، ދާއޫދާ ގުޅޭގޮތުން ދެއްކެވި ވާހަކަތައް ދޮގުކުރަމުން ނެރުނު ބަޔާނެއްގައެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ ދާއޫދާއި އޭނާގެ އަނބިކަނބަލުންގެ އެކައުންޓްތަކަށް، އާމްދަނީ ލިބުނު ގޮތް ނޭނގޭ، ގިނަ އަދަދެއްގެ ފައިސާ ޖަމާވެފައިވާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ސޯސް އޮފް އިންކަމް ނޭނގޭ ގޮތަށް ގިނަ އަދަދެއްގެ ފައިސާ 2023 ވަނަ އަހަރާއި 2024 ވަނަ އަހަރާ ދޭތެރޭގައި މުހައްމަދު ދާއޫދުގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށާއި، އެ ފައިސާއިން 14.6 މިލިއަން ރުފިޔާގެ އެސެޓް އުފައްދާފައިވާ ކަމަށާއި، އެއީ އެމްއެމްޕީއާރްސީގެ ފައިސާ ކަމަށް ބެލެވޭ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ދާއޫދުގެ ވަކީލުން ނެރުނު ބަޔާނުގައި ބުނީ މިއީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި ދާއޫދުގެ އެކައުންޓަށް ގޮތް ނޭނގޭ އެއްވެސް ފައިސާއެއް ވަދެފައި ނުވާނެ ކަމަށާއި، ގާނޫނާ ހިލާފު އެއްވެސް މުއާމަލާތެއްވެސް ދާއޫދުގެ އެކައުންޓުން ހިންގާފައި ނުވާނެ ކަމަށް ވަކީލުން ވަނީ ބުނެފައެވެ.

"އެމް.އެމް.ޕީ.އާރް.ސީ އާ ގުޅޭ އެއްވެސް ފައިސާއެއް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ދާއޫދަށް ލިބިފައިނުވާކަން ދައުލަތުގެ ފަރާތުން އެމް.އެމް.ޕީ.އާރް.ސީ އާ ގުޅޭގޮތުން ކުރިއަށް ގެންދިޔަ ތަހުގީގުތަކުންނާއި، ތަހުގީގަށް އަހްމަދު އަދީބް އަބްދުލްޣަފޫރު ދީފައިވާ ބަޔާންތަކުން އެނގި ސާފުވާނެ. އަދި އިދާރީ ތަހުގީގުތަކާ ގުޅިގެން ޕޮލިސް ބޯޑުން މީގެ ކުރީގައި ނިންމާފައިވާ ނިންމުންތަކާ ގުޅިގެން ޝަރުޢީ މަރުހަލާގައި ނިންމާފައިވާ ނިންމުންތަކުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ދާއޫދުގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެއްދޭނެ އެއްވެސް ޖާގައެއް ނެތްކަން ސާފުވާނެ." ދާއޫދުގެ ވަކީލުން ނެރުނު ބަޔާނުގައި ވެއެވެ.

ގާނޫނު ތަންފީޒުކުރާ އޮފިސަރަކާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަަކަތައް ދެއްކުމަކީ ރައްޔިތުންގެ މެދުގައި ތަންފީޒީ އިދާރާތަކާމެދު އޮންނަ އިތުބާރު ގެއްލިގެންދާކަމެއް ކަމުގައިވާތީ މިފަދަ ވާހަކަތައް ދެއްކުމުން ދުރިހެލިވުމަށް ދާއޫދުގެ ވަކީލުންގެ ވަނީ އިލްތިމާސް ކުރަށްވާފައެވެ.

އޭގެއިތުރުން ވަކީލުންގެ ބަޔާނުގައި ބުނީ ތުހުމަތު ރައްދުވާ ފަރާތައް ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ މަޖިލީހުގެ ކޮމިޓީއެއްގައި ލައިވްކޮށް ސާބިތުނުހިފޭ ވާހަކަތައް ދެއްކުމަކީ ޒިންމާދާރުކަމެއް ނޫން ކަމަށެވެ. އަދި މަޖިލީހުގައި ދައްކާ ވާހަަކަތައް ވާންވާނީ ޒިންމާދާރުކަމާއެކު އެއްވެސް ފަރާތެއްގެ ގާނޫނީ ހައްގު ނުގެއްލޭ ގޮތަށް ދައްކާ ވާހަކަތަކަކަށް ކަމަށްވެސް ބަޔާނުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު