ވަގު ޓީޓީ ފޮނުވައިގެން މުދާ އެތެރެކޮށް މަންފާ ހޯދި ޝިފާއު-
ވަގު ޓީޓީ ފޮނުވައިގެން މުދާ އެތެރެކޮށް މަންފާ ހޯދި ޝިފާއު-
ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން މުދާ އެތެރެކޮށް، މަންފާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު، (37އ) އާއެކު ދައުލަތުން ހަދާފައިވާ އިއުތިރާފުގެ އެއްބަސްވުން ބަލައިނުގަތުމަށް ކުރިމިނަލް ކޯޓުން ނިންމައިފިއެވެ.

ވަގު ޓީޓީ ފޮނުވައިގެން ރާއްޖެއަށް މޭވާއާއި ތަރުކާރީ އެތެރެކުރި މައްސަލައާ ގުޅިގެން ޝިފާއު ހައްޔަރުކުރީ 2023 ވަނަ އަހަރުގެ މާޗު މަހުގެ 28 ވަނަ ދުވަހުއެވެ. އޭނާގެ ބަންދަށް ފުރަތަމަ 30 ދުވަސް ޖެހިނަމަވެސް، ދެވަނަ ފަހަރަށް ބަންދާ މެދު ގޮތެއް ނިންމަން އެ އަހަރުގެ މެއި 27 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ބަންދުން ދޫކޮށްލިއެވެ.

ކުރިމިނަލް ކޯޓުގެ އަމުރު އިސްތިއުނާފު ކުރަން ދައުލަތުން ހައިކޯޓަށް ހުށަހެޅި އިރު، ޝިފާއު ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. އެހެންވެ ފުލުހުން ވަނީ އޭނާ ހޯދަން އިންޓަޕޮލް ރެޑް ނޯޓިސްވެސް ނެރެފައެވެ.

އެފަހުން އޭނާ ރާއްޖެ އައުމުން ކޯޓުން ވަނީ އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައެވެ. ކުރިމިނަލް ކޯޓުން ޝިފާއުގެ ޕާސްޕޯޓް ހިފެހެއްޓީ އޭނާގެ މައްސަލަތައް ކޯޓަށް ހުށަހަޅައިފައިވަނިކޮށް ކޯޓުގެ ހުއްދަނެތި ރާއްޖެއިން ބޭރަށް ފުރައިގެން ދިޔުމުގެ ސަބަބުންނެވެ. ޕާސްޕޯޓް ދޫކޮށްލަދިނުމަށް ޝިފާއުގެ ފަރާތުން އެދުނު ނަމަވެސް ކުރިމިނަލް ކޯޓުން ޕާސްޕޯޓް ދޫކުރުމުގެ އަމުރެއް ނެރެދީފައިނުވެއެވެ.

ޕާސްޕޯޓް ދޫކޮށްލަ ދިނުމަށް ޝިފާއުގެ ފަރާތުން އެދިފައިވަނީ މިއަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހު ބޭއްވި މައްސަލައިގެ އަޑުއެހުމުގައެވެ. އެ ޝަރީއަތުގައި ދައުލަތުންވެސް ވަނީ ޝިފާއުގެ ޕާސްޕޯޓް ދޫކޮށްލަ ދިނުމުގެ އަމުރެއް ނެރެދިނުމަށް އިއުތިރާޒުކޮށްފައެވެ.

ޝިފާއުގެ މައްޗަށް ދައުލަތުން އުފުލާފައުވަނީ 38 އަހަރުގެ ޖަލު ހުކުމެއް އަންނަވަރުގެ 23 ދައުވާއެކެވެ. އޭގެ ތެރޭގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ނުވަ ދައުވާއަކާއި، މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާއެއް އަދި މަނީ ލޯންޑަރިންގެ ހަތް ދައުވާއެއް ހިމެނެއެވެ. މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދު 123،844.54 އެމެރިކާ ޑޮލަރު (1.9 މިލިއަން ދިވެހި ރުފިޔާ) އަށް އަރައެވެ.

މި މައްސަލައިގެ ޝަރީއަތުގެ މަރުހަލާ ނިމެން ކައިރިވެ، ހުލާސާ ބަޔާން އިއްވާ ހިސާބަށް ގޮސްފައިވަނިކޮށް، ދައުލަތާއި ޝިފާއުއާ ދެމެދުވަނީ އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައެވެ.

އެ އެއްބަސްވުމުގައިވާ ގޮތުން ދައުލަތުން ޝިފާއުގެ މައްޗަށް ކޮށްފައިވާ 23 ދައުވާގެ ތެރެއިން ހަތް ދައުވާއެއް އަނބުރާ ގެންދާނެއެވެ. އެ ދައުވާތަކުގެ ތެރޭގައި އެނގިހުރެ ސައްހަނޫން ލިޔުމެއް އުފެއްދި ކަމުގެ ކުށުގައި ކުރާ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާތައް ހިމެނެއެވެ.

އެއްބަސްވުމުގައި ވާގޮތުން ޝިފާއުގެ މައްޗަށް ކުރާނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާގެ އަދަބެއްގެ ގޮތުގައި ޝިފާއުއަށް އަންނާނީ 88 ދުވަހުގެ ޖަލު ހުކުމަކާއި 184،600 ރުފިޔާގެ ޖޫރިމަނާގެ އަދަބެއް ކަމަށް އެއްބަސަވުމުގައި ވެއެވެ.

މި މައްސަލައާ ގުޅިގެން ޝިފާއު 88 ދުވަހަށްވުރެ ގިނަ ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ، އެ ހުކުމާއެކު ޝިފާއު މިނިވަންވާނެއެވެ. އެހެންކަމުން އޭނާ ތަންފީޒު ކުރަންޖެހޭނެ އަދަބީ 184،600 ރުފިޔާގެ ޖޫރިމަނާގެ އަދަބެވެ.

އެ އިއުތިރާފުގެ އެއްބަސްވުން ޝަރީއަތަށް ހުށަހެޅުމުން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އެ އެއްބަސްވުމަކީ މި މައްސަލައާ ގުޅިގެން ދައުވާކުރާ ކުށްތަކާއި މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށްގެން ހަދައިފައިވާ އެއްބަސްވުމެއް ނޫންކަން ފާހަގަކުރެވޭ ކަމަށެވެ.

އަދި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު މި މައްސަލައިގެ ގެއްލުންވި ފަރާތްތަކަށް ޝިފާއުގެ ފަރާތުން ބަދަލުދިނުމަށް ހަމަޖެހިފައިވާކަންވެސް ނޭނގޭކަމަށް ގާޒީ ވިދާޅުވިއެވެ.

އެހެންވެ ގާޒީ ނިންމެވީ ދައުލަތާއި ޝިފާއުއާ ދެމެދު ހަދައިފައިވާ އެ އިއުތިރާފުގެ އެއްބަސްވުން ބަލައިގަތުމުގެ ބަދަލުގައި ހުލާސާ ބަޔާން ހުށަހެޅުމުގެ މަރުހަލާ ކުރިއަށް ގެންދިޔުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް