ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު، ރައީސް ޑރ. މުހައްމަދު މުއިއްޒު
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު، ރައީސް ޑރ. މުހައްމަދު މުއިއްޒު
ވެރިކަން ކުރަންވާނީ އަމާނާތްތެރިކޮށް ކަމަށާއި، ވަޒީފާ ދިނުމަކީވެސް އަމާނާތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ނަގާ ފެންނަ ނުފެންނަ ވޯޓާ ދިމާކޮށް ވަޒީފާ ދޭންވާނީ ވޯޓު ދޭނެ ބޮޑެތި އާއިލާތަކަށް އެކަނި ކަމަށް ރައީސް މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށް ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. މި ވާހަކަތަކުގެ އޯޑިއޯ ރިކޯޑިންއެއްވެސް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަ ދެއެވެ.

އެގޮތުން ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައި އައިބީ ވިދާޅުވީ ރަށުން ވަޒީފާއެއް ދޭއިރު މި ވަގުތު ވަކިވަކި މީހުންނަށް ވަޒީފާ ނުދީ އެ މީހުންނަށް އިންތިހާބަށް ފަހު ވަޒީފާތައް ދިނުމަށް ރައީސް މުއިއްޒު އަންގާފައިވާ ކަމަށެވެ. އަދި މިވަގުތު ވަޒީފާ ދޭން އަންގާފައިވަނީ ޓީމެއް އޮންނަ އަދި އެ މީހަކު ބުނާ ގޮތަކަށް ކަންތައްތައް ކުރާ ވަރުގަދަ މީހުންނަށް އެކަނި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ސަރުކާރަށް ފާޑުވިދާޅުވަމުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ ވެރިޔަކު ވެރިކަން ކުރަންވާނީ އަމާނާތްތެރިކޮށް ކަމަށެވެ. އަދި ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރުން މިއީ އަމާނާތުގެ ތެރޭ ހިމެނޭކަންކަން ކަމުގައި ޖަމީލް ވިދާޅުވިއެވެ.

އަދި ކޮންމެ ވަޒީފާއަކަށް މުސާރަދެނީ ރައްޔިތުން ކަމަށާއި، އެއީ މުއިއްޒު ނުވަތަ މަޖްލިސް މެމްބަރުންގެ އެކައުންޓުން ދޭ އެއްޗެއް ނޫންކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.

"މިމީހުން ހާދަހާ ނުލަފައޭ!" ޖަމީލް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު