ޒަކާތް ނެރެ، ސަދަގާތް ދީ އުޅޭ ނަމަ، އެއީ ސުވަރުގެ ވަނުމަށް އޮތް ސަބަބެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ޒަކާތުގެ މުހިންމުކަމާއި އޭގެ މަތިވެރިކަން" މި މައުޟޫއަށް މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ މުދާ ހެޔޮގޮތުގައި އޭގެ ބޭނުން ހިފައި، ޒަކާތް ނެރެ، ސަދަގާތް ދީ އުޅޭ ނަމަ، އެއީ ސުވަރުގެ ވަނުމަށް އޮތް ސަބަބެއް ކަމަށާއި، މުދަލަކީ އާދައިގެ އެއްޗެއް ނޫން ކަމަށެވެ. މުދަލަކީ އޭގެ މައްޗަށް ނަފްސުތައް، ނުހަނު ލޯބިޖެހިފައިވާ އެއްޗެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ބައެއް ފަހަރު ނުރައްކާތެރި ފިތުނައަަކަށް މުދާ ވެގެންދާ ކަމަށާއި، އެއީ ބޮޑުވެގެންވާ އިމްތިހާނެއް ކަމަށެވެ.

މުދަލަކީ އެ އެއްޗަކަށްޓަކައި އިންސާނުންގެ ހިތްތަކުގައި ގަދަވެގެންވާ ލޯތްބެއް ޖެހިފައިވާ އެއްޗެއްކަމަށާއި، އަދި އިންސާނުން މުދަލަށް ކުރާ ލޯތްބަކީ ފިތުރީ ކަމެއްކަމަށްވެސް ޚުތުބާގައި ބުނެފައިވެ އެވެ. މުދަލަށް ލޯބި ކުރުމުގައި ދެ ކަމެއް ހަނދާން ކުރަންޖެހޭ ކަން ފާހަގަކޮށް ހުކުރު ހުތުބާގައި ބުނެފައިވަނީ މުދަލަކީ މާތްﷲ ގެ މިލްކެއް ކަމަށާއި، މުދާ ހަވާލުކޮށްފައިވަނީ އޭގެ ހައްޤުވެރިންނަށް ރައްދުކޮށްދިނުމަށްޓަކައި އަމާނާތެއްގެ ގޮތުގައި ކަމަށެވެ.

ޒަކާތް ގުޅިފައިވަނީ މުދަލާ ކަން ފާހަގަކޮށް ހުކުރު ހުތުބާގައި ބުނެފައިވަނީ ޒަކާތް ބެހިގެން ވަނީ މައިގަނޑު ދެ ބައަކަށް ކަމަށެވެ. އެގޮތުން ފިތުރު ޒަކާތަކީ ރޯދަ މަހާ ވިދިގެން ނެރޭ ޒަކާތެއް ކަމަށާއި އަދި މުދަލު ޒަކާތަކި އެ މީހެއްގެ މުދަލުގައި ޒަކާތް ނިސާބު ހަމަވެ ހިޖުރީގޮތުން އަހަރު ވުމުން ނެރެންޖެހޭ އެއްޗެއްކަން ހުތުބާގައި ފާހަގަކޮށްފައިވެ އެވެ. މި ދެ ޒަކާތަކީ އެކަތި އަނެކެއްޗާ ގުޅިލާމެހިފައިވާ ދޭތި ނޫންކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ ދެ ޒަކާތަކީވެސް ތަފާތު ދޭއްޗެއް ކަމަށެވެ.

ޒަކާތަކީ މުދަލަށް ތާހިރުކަމާ އިތުރުވުން ގެނުވައިދޭ އަޅުކަމެއްކަން ފާހަގަކޮށް ހުކުރު ހުތުބާގައި ބުނެފައިވަނީ ތަނަވަސްކަން ލިބިގެންވާ މީހުންގެ މުދަލުގައި އޭގެ ހައްޤުވެރިންނަށް މާތް ﷲ ސާޅިސްބައިކުޅަ އެއްބައި ލެއްވި ކަމަށެވެ. އެހެން ކަމުން އެމިންވަރާ މެދު ދަހިވެތިކަން ފާޅުނުކުރުމަށާއި، އެމިންވަރު ނެރެން ފަސްނުކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. އަދި މުދަލު ޒަކާތާއި މެދު އިހުމާލުވުމަކީ ދުނިޔެ އާއި އާހިރަތުގައި ތިބާގެ ހަލާކު ކަމުގައި ވެދާނެ ކަމަށްވެސް ހުތުބާގައި ބަޔާންކޮށްފައިވެ އެވެ.

ޤިޔާމަތްދުވަހު މުދާ ހޯދީ ކިހިނެއްތޯއާއި އަދި އެމުދާ، ހޭދަކުރީ ކިހިނެއްތޯ ސުވާލުކުރެވޭނެ ކަމަށާއި، ވީމާ މިސުވާލުތަކަށް ކޮންމެ މީހަކުމެ، ޤިޔާމަތުގެ މައިދާނުގައި، އެންމެހާ ޚަލްޤުތަކުންގެ ކުރިމަތީގައި، ޢާލަމްތަކުގެ ވެރިރަސްކަލާނގެއަށް ޖަވާބުދާރީވާން ޖެހޭނެކަން، އަބަދުވެސް ހަނދާނާއި ފިކުރުގައި ބަހައްޓަން ޖެހޭނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން