ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން
ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން
އަތޮޅަކުން ނުވަތަ ސިޓީއަކުން ވަކިވާން ވަކިބަޔަކު ބޭނުންވިޔަސް އެކަމާ ސީދާ ގުޅުންހުރި އެންމެނަށް ވޯޓުލެވެން ވާނެ ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ޢަލީ ޙުސައިން މިހެން ވިދާޅުވެފައިވާއިރު، އައްޑޫސިޓީގެ ހަ ރަށުގެ ތެރެއިން ތިން ރަށެއް އައްޑޫ ސިޓީ ކައުންސިލުން ވަކިވުމަށްޓަކައި އަންނަ ހޮނިހިރު ދުވަހު ފެންނަ ނުފެންނަ ވޯޓު ނެގުމަށް ވަނީ ހަމަޖެހިފައެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަށްވަމުން ޢަލީ ޙުސައިން ވިދާޅުވީ، ވަކިރަށެއްގެ ބަޔަކު އެރަށެއް ނިސްބަތްވާ އަތޮޅަކުން ނުވަތަ ސިޓީއަކުން ވަކިވާން ބޭނުން ވިޔަސް އެކަމާ ގުޅޭގޮތުން ނަގާ ވޯޓެއްގައި އެކަމާއި ސީދާ ގުޅުންހުރި އެއަތޮޅެއްގެ އެންމެނަށް ވޯޓުލެވެންވާނެ ކަމަށެވެ.

އަދި ޤައުމާއި ރައްޔިތުން ބައިބައިކުރަން އެއްވެސް ބަޔަކަށް ފުރުސަތު ދީގެން ނުވާނެކަމަށްވެސް ޢަލީ ޙުސައިން ވިދާޅުވެފައިވެއެވެ. އަދި މިކަމުގެ ސަބަބުން ސީރިއަސް މައްސަލަތަކެއް ނިކުމެދާނެ ކަމަށްވެސް ޢަލީ ވިދާޅުވެފައިވެއެވެ.

"މާދަމާ ކުޑަރިކިލު މީހުން ނިކުމެ ބާ އަތޮޅާ ވަކިން އޮންނަ އަތޮޅެއްގެ ގޮތުގައި ކުޑަރިކިލު އަތޮޅު ހަމަޖައްސަން އެދިއްޖެނަމަ އެކަމާ ގުޅޭތުން ނަގާ ވޯޓެއްގައި ވޯޓުލުމުގެ ހައްގު އޮންނާނީ ކުޑަރިކިލު މީހުންނަށް އެކަނި ދޯ؟ މާ މަކުނުދޫ މީހުން ރާއްޖެއިން ވަކިވާން ބޭނުންވެއްޖެނަމަ އެ ވޯޓޯ؟" ޢަލީ ވިދާޅުވެފައިވެއެވެ.

އައްޑޫ ބައިބައިކުރުމުގެ ވޯޓާއި ގުޅިގެން ޢަލީ ޙުސައިން ކަންބޮޑުވުން ފާޅުކުރަށްވާފައިވާއިރު، އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން ފެނޭތޯ ބެލުމަށް ބާއްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގައި ސަރުކާރުގެ "ވަކި ސްޓޭންޑެއް ނެތް" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ. ނަމަވެސް ސިޓީކައުންސިލުން ވަކިވެ ވަކިކައުންސިލެއް އުފައްދައިފިނަމަ ވަކި ބަޖެޓަކާއި ގްރާންޓް ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މިވޯޓުގައި ސަރުކާރުގެ ސްޓޭންޑެއް ނެތްކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވި ނަމަވެސް ދަޢުލަތުގެ ބައެއް ވަޒީރުން ގެންދަވަނީ އައްޑޫ ސިޓީ ކައުންސިލުން ފޭދޫ ވަކިވުމަށް ތާޢީދު ހޯއްދެވުމަށް އެ އަވަށުގައި ކެމްޕޭން ކުރަށްވަމުންނެވެ.

މިވޯޓާއި ގުޅިގެން އީސީގެ ރައީސް ޒާހިދު ވިދާޅުވީ، މިމަހުގެ 25 ގައި ނަގާ ވޯޓުގައި 9،577 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށާއި، މި އިންތިޚާބުގައި ބައިވެރިވެވޭނީ ހުޅުދޫ އާއި މީދޫ އާއި ފޭދޫގެ ރައްޔިތުންނަށް އެކަނި ކަމަަށެވެ. އައްޑޫ އާންމު ވޯޓުގައި 11 ވޯޓު ފޮށްޓެއް އައްޑޫގައި ބަހައްޓާއިރު، ރީ-ރަޖިސްޓްރޭޝަނުގެ މުއްދަތު ހަމަވިއިރު އެކަމަށް އެދި ހުށަހެޅީ އެންމެ 255 މީހުންނެވެ.

އައްޑޫ ޢާއްމު ވޯޓުގައި ހުޅުދޫ އާއި މީދޫގެ ރައްޔިތުންނާ ދެ ސުވާލެއް ކުރަން ހަމަޖެހިފައިވާ ކަމަށް އީސީގެ ރައީސް ޒާހިދު ވިދާޅުވިއެވެ. އެއީ އައްޑު އަތޮޅު ހުޅުދުއަށް ހާއްސަ ކުރެވިގެން ހުޅުދޫ ކައުންސިލް އުފައްދަން ފެނޭތޯ އާއި އައްޑު އަތޮޅު ހުޅުދު އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގުމަށް ދެ ރަށުގައި އެއް ކައުންސިލެއް ހިންގަން ފެނޭތޯ އެހުންކަމަށް ޒާހިދު ވިދާޅުވިއެވެ.

ހަމައެއާއެކު، މީދޫ ރައްޔިތުންނަށްވެސް ސުވާލު ކުރާނީ މީދޫ ވަކި ކައުންސިލެއްގެ ގޮތުގައި ހިންގަން ފެނޭތޯ އާއި، ހުޅުދު އާއި މީދޫ ކައުންސިލް، އެއް ކައުންސިލެއްގެ ގޮތަށް ހިންގަން ފެނޭތޯ ކަމަށް ޒާހިދު ވިދާޅުވެފައިވެއެވެ. އޭގެއިތުރުން ފޭދުއަށް ކުރާނީ އެންމެ ސުވާލެއް ކަމަށާއި އެއީ އެ ރަށަށް ހާއްސަ ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ކަމަށް ޒާހިދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު