މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް
މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް ކަނޑައަޅަން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ޖޭއެސްސީގައި 10 މެންބަރުން ތިއްބަވާއިރު، މަޖިލީހުގެ މެންބަރުންގެ ތެރެއިން ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ މެންބަރުގެ މަޤާމު ހުސްވީ، އެ މަޤާމުގައި ހުންނެވި މާފުށީ ދާއިރާގެ މެންބަރު ޙުސައިން ރިޟާ އާދަމް އިއްޔެ ޖެއެސްސީގެ ރައީސް ކަމުގެ މަޤާމުންނާއި މެންބަރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މިއަދުގެ ޖަލްސާގައި، ޖޭއެސްސީއަށް މަޖިލީހުން މެންބަރަކު ކަނޑައެޅުމަށް ނަން ހުށައެޅުމަށާއި ތާޢީދުކުރުމަށް ހުޅުވާލި ފުރުޞަތުގައި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ، ޖޭއެސްސީއަށް މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކްގެ ނަން ހުށައަޅުއްވާފައެވެ. އެ ނަމަށް ތާޢީދުކުރެއްވީ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސެވެ.

ޖޭއެސްސީއަށް ޙުސްނީ ކަނޑައެޅުމަށް ނެގި ވޯޓުގައި ފެންނަކަމަށް 58 މެންބަރުން ވޯޓު ދެއްވިއެވެ.

ޖޭއެސްސީގެ މެންބަރުކަމަށް ހުސްނީ އައްޔަނު ކޮށްފައިވާއިރު، ޖޭއެސްސީގެ ނައިބު ރައީސްކަމުގެ މަޤާމަށް އެ ކޮމިޝަނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަމްސީލް ކުރަށްވާ މެންބަރު ޔަޒްމީދު މުހައްމަދު މިމަހުގެ 23 ވަނަ ދުވަހު ވަނީ އިންތިޚާބު ކޮށްފައެވެ.

ޖޭއެސްސީގެ ޤާނޫނުގެ ދަށުން ކޮމިޝަންގެ މެންބަރެއްގެ މަޤާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި ހުސްވާ މަޤާމަށް މީހަކު ޢައްޔަންކުރަން ޖެހޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު