އިސްލާމީ ރިސާލަތަކީ ރަހުމާއި ހަމްދަރުދީގެ ރިސާލަތެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"އިސްލާމީ ރިސާލަތަކީ ލޯތްބާއި ރަޙުމަތުގެ ރިސާލަތެއް" މި މައުޟޫއަށް ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުތުބާގައި ބުނީ އިސްލާމީ ރިސާލަތަކީ މުޅި އިންސާނިއްޔަތަށް ހިދާޔަތު ދެއްވުމަށް މާތް ﷲ ފޮނުއްވި މަތިވެރި ރިސާލަތެއް ކަމަށެވެ.

އަދި މި ރިސާލަތުގެ މައިގަނޑު އަސާސްތައް ބިނާވެފައިވަނީ ލޯތްބާއި ރަޙުމާއި އޯގާތެރިކަމާއި، ހަމަޖެހުމާއި އަމާންކަމުގެ އަސާސުގެ މަތީގައި ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

އިސްލާމީ ރިސާލަތަކީ އެއްކައުވަންތަ ﷲ އަށް އީމާންވުމާއި، އެކަލާނގެއަށް ކިޔަމަންތެރިވުމަށް ގޮވައިލާ ރިސާލަތު ކަމަށާއި މިއީ މުޅި އިންސާނިއްޔަތަށް ބާއްޖަވެރިކަން ގެނެސްދޭ، ރަޙުމާއި ހަމްދަރުދީގެ ރިސާލަތު ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ހުތުބާގައި ބުނީ އިސްލާމްދީނުގެ ދުސްތޫރުކަމުގައިވާ ކީރިތި ޤުރްއާން ފެށިފައިވަނީ އޯގާވެރި އޯގާވަންތަ މާތް ﷲގެ އިސްމުފުޅުގެ ބަރަކާތުން ކަމަށެވެ. އަދި ކީރިތި މާތް ނަބިއްޔާ އެކަލޭގެފާނުގެ ޞަޙާބީންނާއި އުންމަތް، މި މަތިވެރި ސިފަ އަށަގެންނެވުމުގެ މައްޗަށް ތަރުބިޔަތުކުރެއްވި ކަމަށާއި އެއީ ހުރިހައި ގުޅުންތަކެއް ބިނާކުރުމުގެ މައިގަނޑު އަސާސަކީ ރިވެތި އަޚުލާޤާއި، ރަޙުމަތާއި، އޯގާތެރިކަން ކަމުގައިވާތީ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

"ހަމަކަށަވަރުން، މުއުމިނު އަޅާ އޭނާގެ ރިވެތި އަޚުލާޤުގެ ސަބަބުން ސުންނަތް ރޯދަހިފައި ރޭއަޅުކަންކުރުންމަތީ ޤާއިމުވެ ހުންނަ މީހާގެ ދަރަޖައަށް ވާޞިލުވާނޭކަން ކަށަވަރެވެ" ރިވެތި އަޚުލާޤަށް ބާރުއަޅުއްވައި ކީރިތި ރަސޫލާ ޙަދީސްކުރައްވާފައިވާަ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

މިއަދުގެ ހުތުބާގައި ބުނީ މި މަތިވެރި ސިފަތަކުގެ ސަބަބުން ދުންޔަވީ އަމާންކަމާއި ހަމަޖެހުން ލިބި، އުޚުރަވީ ހަޔާތުގައި ބާއްޖަވެރިކަން ލިބޭނެ ކަމަށެވެ.

އެހެންކަމުން އެކަލާނގެ ދީނުގައި ވަރުގަދައަށް ހިފަހައްޓަން ގޮވާލައި ދެކޮޅުވެރިކަމާއި، ޙަސަދަވެރިކަމާއި، ގެއްލުންތަކަށް މަގުފަހިވާ ކަންތައްތަކުން ދުރުހެލިވުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު