ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު  މައުރޫފް ޒާކިރު
ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރު
ރައީސް ޑރ. މުޙައްމަދު މުޢިއްޒަކަށް ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ނުދެއްވޭނެ ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

މައުރޫފް މިހެން ވިދާޅުވީ ސަރުކާރުން ބޯހިޔާވަހިކަމަށް ވަމުންދާ އިހުމާލުތަކުގެ މައުލޫމާތު ހިއްސާކުރުމަށް ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މައުރޫފް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ވަޢުދުވެ ވަޑައިގެންނެވީ ފަސް އަހަރު ތެރޭގައި ފަސްދޮޅަސް ހާސް މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދެއްވާނެކަމަށް ކަމަށެވެ. ނަމަވެސް މިހާތަނަށް ބޯހިޔާވަހިކަމުގެ އެއްވެސް މަސައްކަތެއް ފެށިފައި ނުވާ ކަމަށާއި، ބޯހިޔާވަހިކަމުގެ ވައުދު ނުފުއްދޭކަން މައުރޫފް ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑު ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ގޮވާލަން ތިޔަބޭފުޅުން ވިސްނާ ބައްލަވާށޭ ބޯހިޔާވަހިކަމުގެ ބަޖެޓަކުން ބޯހިޔާވަހިކަމެއް ޤާއިމުކުރަން އެންމެ ގާބުރިއެއް ނުބޭއްވުނީމާ ދެން އަޅުގަނޑުމެން ކީއްތޯ ކުރާނީ؟ ދެން ކޯއްޗަކުންތޯ ބޯހިޔާވަހިކަމެއް ލިބޭނީ، ހުވަފެނުންތޯ؟ ބޯހިޔާވަހިކަމުގެ ބަޖެޓެއް މި ހުސްވެ ނިމިދިޔައީ ބޯހިޔާވަހިކަމުގެ އެންމެ މަސައްކަތެއް ނުކުރެވި، އެހެންވީމާ ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމެއް މި ރައީސް ޑރ. މުޢިއްޒެއް ހޯދައި ނުދޭނެ، އެއީ ގޯހެއް، ފުރިހަމައެއް ނުކޮށްދޭނެ." މައުރޫފް ވިދާޅުވިއެވެ.

ރަސްމާލެ ނުވަތަ ފުށިދިއްގަރު ހިއްކައި، އަށް މަސް ދުވަހުގެ ތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު، މައުރޫފް ވިދާޅުވީ އެއީ ބޮޑު ކަނޑެއް ހުރަސްކޮށް ދާންޖެހޭ ސަރަހައްދެއް ކަމަށާއި، މިނިސްޓަރު މުއްތަލިބު ވެސް އެތަނަކީ ފާލަމަކުން ގުޅާލެވޭ ސަރަހައްދެއް ނޫން ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

މައުރޫފް ވިދާޅުވީ، މި ރާއްޖެ މިއޮތް ހާލަތުން ފުށިދިއްގަރުގައި "ބޮޑު ސިންގާ" މަޝްރޫއެއް ހިންގުމުގެ ނަމުގައި ހަސަތޭކަ މިލިއަން ޑޮލަރު ތަޅާ ހުސްކޮށްލަނީ ދައުލަތް ލޫޓުވާލަން ކަމަށެވެ. އަދި ބޮޑެތި ޕްރޮޖެކްޓުތަކުގެ ނަންތައް އިޢުލާން ކުރަނީވެސް ދައުލަތް ލޫޓުވާލުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

"ހަސަތޭކަ މިލިއަން ޑޮލަރު ޚަރަދު ކޮށްފައި ތި ބޭފުޅުން ވިސްނަވާ ފުށިދިއްގަރުފަޅު ހަމައެކަނި ހިއްކާލެވޭނީ މި ފަސް އަހަރު ނިމޭއިރު." މައުރޫފް ވިދާޅުވިއެވެ.

ހަމައެއާއެކު އެގާރަސަތޭކަ ހެކްޓަރު ހިއްކާނެ ކަމަށް ބުނި ނަމަވެސް، ދެ އަހަރުން ދުއިސައްތަ ހެކްޓަރު ނުހިއްކުނު މީހަކަށް ފަސް އަހަރުން ގިނަވެގެން ހިއްކޭނީ ފަސްސަތޭކަ ހެކްޓަރު ކަމަށާއި އެހެންކަމުން ހަސަތޭކަ މިލިއަން ޑޮލަރު ދީގެން ދިވެހި ރައްޔިތުން ތިބެންވީތޯ އޭނާ ސުވާލު އުފައްދަވާފައިވެއެވެ.

"އެކެއް ޕޮއިންޓް އަށެއް ބިލިއަން ރުފިޔާ ބަޖެޓުގައި ޖަހައި ލޫޓުވާލިއިރުގައި ހަމަ ދިވެހި ރައްޔިތުން ތިބެންވީތޯ؟ މި ކާކުގެ ފައިސާއެއްތޯ؟ އަޅުގަނޑުމެންގެ ޓެކްސް ޕޭޔަރުންގެ ލާރިއެއް. ކިހިނެއްތޯ ހަމަ އެންމެ މީހަކަށް ތިމަންނާއަކީ ޤައުމުގެ ރައީސް އޭ ބުނީމާ މިހާ ބައިވަރު ލާރި ލޫޓުވާލަން ދެވޭނީ ކޮންގޮތަކަށްތޯ؟" މައުރޫފް ވިދާޅުވިއެވެ.

އޭގެއިތުރުން މައުރޫފް ވިދާޅުވީ، އެކަންކަން އެންމެ މީހަކަށް ދޫކޮށްލައި، އެވާހަކަތައް ރައްޔިތުން ގަބޫލު ކޮށްގެން ތިބޭނަމަ، ދިވެހި ރައްޔިތުންނަށް ދަރިންގެ މުސްތަޤުބަލް ނުލިބޭނެ ކަމަށެވެ. އެހެންކަމުން، އެމްޑީޕީއާ ގުޅިފައިވާ އެންމެހައި ފަރާތްތަކާއެކު ރައީސް މުޢިއްޒުގެ ކަންކަން ނިންމުމަށް ސަތާރަ ނޮވެމްބަރުގައި ރައްޔިތުން ނިކުންނަންޖެހޭކަން މައުރޫފް ވަނީ ފާހަގަ ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު