ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
ދުންފަތުގެ ޖެނެރޭޝަން ބޭންގެ ސަބަބުން ޒުވާނުންނަށް ހަރުދަނާ މުސްތަގުބަލެއް ކަށަވަރުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ މިހެން ވިދާޅުވީ، 2007 ގެ ފަހުން އުފަންވި ކުދިންނަށް ރާއްޖޭގައި މިއަދުން ފެށިގެން ދުންފަތް ބޭނުންކުރުން ޤާނޫނުން މަނާކުރުން ތަންފީޒުކުރަން ފެށުމާ ގުޅިގެންނެވެ.

އެކަމާގުޅިގެން މެޑަމް ސާޖިދާ ވިދާޅުވީ، މިއީ ދިވެހިރާއްޖެއަށް ފަހުރުވެރި، ތާރީޚީ ހިނދުކޮޅެއް ކަމަށާއި، ދުންފަތުގެ އިސްތިއުމާލު ނުކުރާ ގައުމަކަށް ރާއްޖެ ހެދުމަކީ ކުރިއަށް އޮތް ޖީލުތަކުގެ ދުޅަހެޔޮ ކަމަށް ކުރެވުނު ވަރުގަދަ އިންވެސްޓްމަންޓެއް ކަމަށެވެ.

ހަމައެއާއެކު ޖެނެރޭޝަން ބޭންގެ ސަބަބުން ޒުވާނުން ދުޅަހެޔޮވެ، ގައިންގަޔަށް ނާރާ ބޮޑެތި ބަލިތަކުން ރައްކާތެރިކަން ލިބޭނެ ކަމަށާއި، ހަރުދަނާ މުސްތަޤްބަލެއް ކަށަވަރުވާނެ ކަމަށް ސާޖިދާ ވިދާޅުވެފައިވެއެވެ.

އެހެންކަމުން ސިއްހީ ކަންކަމަށް ވަކާލާތު ކުރަށްވާ ފަރާތެއްގެ ހައިސިއްޔަތުން ސާޖިދާ ވަނީ ސަރުކާރުގެ ހަރުދަނާ ނިންމުމަށް ތަޢުރީފް ކުރަށްވާފައެވެ.

ސާޖިދާ މިހެން ވިދާޅުވެފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ، މިއަދު ރާއްޖޭގައި ތަންފީޒުކުރަން ފެށި އެންމެ މުހިންމު އެއްކަމަކީ 2007 ޖެނުއަރީ އެކަކުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނޭ ހުރިހާ ދިވެހި ރައްޔިތުންނަށް ދުންފަތުގެ ޖެނެރޭޝަނަލް ބޭން މިއަދުން ފެށިގެން ތަންފީޒުވާން ފެށުން ކަމަށެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެކުލަވާލި ގާނޫނެކެވެ. މި ގާނޫނުގެ ދަށުން ޖެނުއަރީ 1، 2007 ގައި ނުވަތަ އެއަށްވުރެ ފަހުން އުފަންވެފައިވާ ކުދިން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވުމުގެ އިތުރުން، އެ ކުދިންނަށް ދުންފަތް ވިއްކުމާއި އިސްތިހާރު ކުރުމާއި ދިނުން ވެސް ވަނީ މަނާ ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު