ފުލުހުންގެ އުޅަނދުތަކެއް-
ފުލުހުންގެ އުޅަނދުތަކެއް-
ކ. ތުލުސްދޫގައި ގަވާއިދާއި ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާ ކަމަަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރި އަންހެން ފުލުސް އޮފިސަރު ވަޒީފާއިން ވަކިކުރަން ނިންމި ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށް ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 17ގައި ކ. ތުލުސްދޫ ގެސްޓްހައުސްއެއް ބަލައި ފާސް ކުރުމަށް ފުލުހުން ހިނގި މި އޮޕަރޭޝަނެއްގައި ޖުމްލަ ހަތް މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ 23 އަހަރުގެ ތިން ފިރިހެނުންނާއި، 27 އަހަރުގެ ފިރިހެނަކާއި، 23 އަހަރުގެ އަންހެނަކާއި، 26 އަހަރުގެ އަންހެނަކާއި، 20 އަހަރުގެ އަންހެނެއް ކަމަށާއި، އެ އެންމެންނަކީވެސް ދިވެހިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމީހުންގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ގެސްޓްހައުސް ބަލައިފާސްކޮށް، ބަނގުރާކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 500އެމްއެލްގެ ދެ ފުޅިއާއި ތައްޓެއް ފެނުނު މައްސަލައިގައެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ކުޑަކަމުދާތަކެތި ތަހުލީލު ކުރިއިރު، މަސްތުވާތަކެއްޗަށް ނައްސިވެފައިވާ ކަމަށާއި، އެ މީހުން ކޯޓަށް ހާޒިރު ނުކޮށް ދޫކޮށްލާފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ފުލުސް އޮފިސަރެއް ކަމަށްވާ ކޮންސްޓަބަލް އާމިނަތު މާޔާ ހުސައިން ބަޝީރު ހިމެނޭ ކަމަށާއި މި މައްސަލައާ ގުޅިގެން އޭނާ ސަސްޕެންޑްކޮށްފައިވާ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ.

އަދި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑުން ބެލުމަށް ފަހު ޑިސިޕިލިނަރީ ބޯޑަށް ހުށަހެޅުމުން، އޭނާ ފުލުހުންގެ ވަޒީފާއިން ވަކި ކުރުމަށް ލަފާ ދީފައިވާ ކަމަށްވެސް އިއްޔެ ބުނެފައި ވެއެވެ.

ނަމަވެސް ފުލުހުން މިއަދު ބުނީ މާޔާ ބަޝީރުގެ މައްސަލަ ބަލައި، ޑިސިޕިލިނަރީ ބޯޑަށް ހުށަހެޅުމުން ވަޒީފާއިން ވަކި ކުރަން ނިންމާފައިވާ ކަަމަށް ބުނެވުނީ މައުލޫމާތުގެ ކުށަކުން ކަަމަށެވެ.

ފުލުހުން ބުނީ މީގެ ރަނގަޅު މައުލޫމާތަކީ އެ ފުލުސް އޮފިސަރު ވަޒީފާއިން ސަސްޕެންޑްކޮށް، މި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑްސް ކޮމާންޑުން ބަލަމުން ދާކަން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު