އޭސީސީގެ ރައީސް އާދަމް ޝާމިލް
އޭސީސީގެ ރައީސް އާދަމް ޝާމިލް
ކޮރަޕްޝަންގެ މައްސަލަތަކުގައި ދައުލަތަށް ގެއްލުނު ފައިސާގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަނބުރާ ހޯދުމަށް އެންގި ޖުމްލަ 77 މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ދައުލަތަށް ހޯދިފައިވަނީ އެންމެ 49،437.45 ރުފިޔާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އޭސީސީން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް ފައިސާ ހޯދާފައިވަނީ ހަމައެކަނި ފިނޭންސް މިނިސްޓްރީންނެވެ. އެއީ ޖުމްލަ ފައިސާގެ އެންމެ 0.06 ޕަސެންޓެވެ.

އޭސީސީން ފައިސާ ހޯދުމަށް އެންގުމުން މިހާތަނަށް ފައިސާ ހޯދާފައިނުވާ އިދާރާތަކުގެ ތެރޭގައި ދައުލަތުގެ ކުންފުނިތަކުން 74.45 މިލިއަން ރުފިޔާ އާއި، އެޑިއުކޭޝަން މިނިސްޓްރީން 1.06 މިލިއަން ރުފިޔާ އާއި، ރަށު ކައުންސިލްތަކުން 1.29 މިލިއަން ރުފިޔާ އާއި، ސިޓީ ކައުންސިލްތަކުން 139،172.97 ރުފިޔާ އާއި، އަތޮޅު ކައުންސިލްތަކުން 2،500 ރުފިޔާ ހިމެނެއެވެ.

މީގެއިތުރުން، މިދިޔަ އަހަރު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ދައުވާ ކުރުމަށް އޭސީސީން ފޮނުވި މައްސަލަތަކުގެ ތެރެއިން ނުވަ މައްސަލައެއް ބަލައި ގަންނަން ވަނީ ނިންމާފައެވެ. މި މައްސަލަތަކުގައި ޖުމްލަ 9.4 މިލިއަން ރުފިޔާ ހިމެނޭއިރު، އޭގެ ތެރެއިން ދައުލަތަށް އަނބުރާ ހޯދުމަށް އެދިފައިވަނީ 3.43 މިލިއަން ރުފިޔާއެވެ.

އޭސީސީން ބުނީ، މިދިޔަ އަހަރު ޖުމްލަ 16 މައްސަލައެއްގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 80.16 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި އިދާރާތަކުން މަސައްކަތްކުރާ މިންވަރު ބަލައި މޮނިޓާ ކުރުމަށް 2022 ވަނަ އަހަރު އެކޮމިޝަނުން ގާއިމުކުރި ހާއްސަ ނިޒާމުގެ ދަށުން އިދާރާތަކުން ފައިސާ ހޯދަން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފައި ނުވާ ކަމަށް އޭސީސީން މިދިޔަ އަހަރު ވަނީ ބުނެފައެވެ.

އޭރު އޭސީސީން ބުނީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން ދައުލަތުގެ އިދާރާތަކުން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާތީ އެކަމާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އޭސީސީން އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އެޅިކަން އެނގޭކަށް ނެތެވެ.

އޭސީސީއަށް މިދިޔަ އަހަރު ޖުމްލަ 1،171 މައްސަލަ ހުށަހަޅާފައިވެ އެވެ. އޭގެތެރެއިން 732 މައްސަލަ ރަޖިސްޓްރީކުރިއިރު، 439 މައްސަލަ ރަޖިސްޓްރީކޮށްފައެއް ނުވެއެވެ. މީގެއިތުރުން، އެ ކޮމިޝަނުން މިދިޔަ އަހަރު އިދާރާތަކަށް 43 އެންގުމެއް އަންގާފައިވީ ނަމަވެސް، އެ އެންގުންތަކުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް