ދަމާސްގެ ވެރިޔާ މުހައްމަދު ސޯލިހު (ޑިމްސް ސޯލިހް) ވ.
ދަމާސްގެ ވެރިޔާ މުހައްމަދު ސޯލިހު (ޑިމްސް ސޯލިހް) ވ.
ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ދަމާސްގެ ވެރިޔާ މުހައްމަދު ސޯލިހު (ޑިމްސް ސޯލިހް) އަށް، މިއަދު ދިވެހި ދައުލަތުގެ އިއްޒަތް، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އަރުވައިފިއެވެ.

މި އިއްޒަތް އެރުވީ ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އައްޑޫ ހުޅުދޫއަށް އުފަން ސޯލިހަކީ މީގެ 43 އަހަރު ކުރިން 1983 ގައި ވިޔަފާރީގެ ތެރެއަށް ވަދެވަޑައިގެން އަދިވެސް އެ ގޮތުގައި ދެމިހުންނެވި މަޝްހޫރު ބޭފުޅެކެވެ. އޭނާގެ ވިޔަފާރި ދަތުރު ފެށުމުގެ ކުރިން، އައްޑޫ ގަމުގައި އިނގިރޭސިން ތިބި ދުވަސްވަރު އެ ގައުމުގެ ރޯޔަލް އެއާފޯސްގައި 16 ވަރަކަށް އަހަރު ހިދުމަތް ކުރައްވާފައި ވެއެވެ. އޭގެ ފަހުން 1978 ގައި މާލެ ވަޑައިގެން ކާގޯ ކްލިއަރ ކުރުމާއި ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތް ފައްޓަވައި، ވިޔަފާރީގެ ތެރެއަށް ރަސްމީކޮށް ވަދެވަޑައިގަތެވެ.

ސޯލިހު ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަޝްހޫރުވީ، އޭނާގެ ގާތް އެކުވެރިޔާ އިބްރާހިމް މުހައްމަދު ދީދީ (ސިމްޑީ ޑީޑީ) އާ ދެ ބޭފުޅުން ގުޅިވަޑައިގެން 1983 ގައި "ޑިމްސް" ކުންފުނި އުފެއްދެވުމާ އެކުއެވެ. އެއީ އޭރު ރާއްޖޭގައި ރީޓެއިލް/ހޯލްސޭލް ވިޔަފާރިއާއި ޓޫރިޒަމް ދާއިރާގައި އެންމެ މަޝްހޫރު އެއް ނަމެވެ. ޑިމްސްގެ ނަމުގައި އާންމު ވިޔަފާރި ފައްޓަވައި، ހާޑްވެއާ އާއި ރިސޯޓުތަކަށް ބޭނުންވާ ތަކެއްޗާއި ޑިއުޓީ ފްރީ ޝޮޕާއި ބޮންޑެޑް ވެއާހައުސް އަދި ފަރުނީޗަރ ވިޔަފާރި ހިންގެވިއެވެ. އޭގެ އިތުރުން ޔަންމާ އިންޖީނާއި ސްޕެއާޕާޓްސް އެތެރެކޮށް ވިއްކަވައި، އިންސްޓޯލްމެންޓަށް ދެއްވަމުން ވެސް ގެންދެވިއެވެ.

ނަމަވެސް 17 އަހަރު ވަންދެން ޑިމްސް ކުންފުނި ހިންގުމަށް ފަހު، ސޯލިހާއި ޑީޑީ ވަކި ދެ ވިޔަފާރި ފެއްޓެވިއެވެ. މިގޮތުން ސޯލިހުގެ ކުންފުނީގެ ނަމަކަށް ހަމަޖެއްސީ "ދަމާސް" އެވެ.

ސޯލިހު ވަނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި ވަރަށް އިސް ދައުރެއް އަދާކުރައްވައިފައެވެ. ހާއްސަކޮށް ޗައިނާގައި ރާއްޖެ އިޝްތިހާރު ކުރުމުގައި އެންމެ އިސްކޮށް އުުޅުއްވި އެއް ވިޔަފާރިވެރިއަކީ ސޯލިހެވެ. އަދި ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސްކަން ވެސް ކުރައްވައިފައިވެއެވެ.

ރާއްޖޭގައި ވިޔަފާރި ކުރިއެރުވުމަށް ޑިމްސް ސޯލިހު މެދުނުކެނޑި ކޮށްދެއްވަމުން ގެންދަވާ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން، ސަރުކާރުން ވަނީ 2022 ގައި ޝަރަފުވެރިކަމުގެ އިނާމު ވެސް އޭނާ އަށް އަރުވައިފަ އެވެ. އަދި ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި "ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް" ވެސް ސޯލިހަށް ވަނީ އަރުވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް