ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު
ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު
މިއަދު ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ނުދެވިގެން އުޅެންޖެހެނީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަބަބުން ކަަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ޖަމީލް ވިދާޅުވީ ފުވައްމުލައް ސިޓީ ފެނަށް ޖެހި އެތައްދުވަހެ ފާއިތުވެ ދިޔައީ، އެކި ކަހަލަ ދޮގު ވާހަކަތައް ސަރުކާރާއި ފެނަކައިން ދައްކަމުން ދަނިކޮށް ކަމަށެވެ. ދޮގު ވާހަކަތައް ދެއްކުން ހުއްޓާލައި މިތަކުލީފަށް ޙައްލެއް ހޯދަންޖެހޭ ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.

"މިސަރުކާރުން ފުވައްމުލަކު ފެނުގެ މައްސަލާގައި އޮޅުވާލުމާ ދޮގު ހެދުމުގެ ނަތީޖާއަކީ މިއަދު މިކަމަށް ޙައްލެއް ނުލިބި އެތަކެއްހާސް ރައްޔިތުން ޙާލުގައި ޖެހުން" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ރައީސް މުއިއްޒުގެ ފޯކަސެއް ހިދުމަތް ފޯރުކޮށްދިނުމަކަށް ނެތް ކަމަށެވެ.

"ބަލާލި ކޮންމެ ދިމާއެއްގައި ފެންނަނީ މެރިޓަކަށް ބެލުމަށް ނެތި ވަޒީފާތައް ބަހަމުންދާތަން. 2024 ގެ ބަޖެޓާ 2025 ގެ ބަޖެޓް މުޅިން ހުސްކޮށްލީ މުއިއްޒުގެ ސިޔާސީ ބާރުވެރިކަން އިތުރުކުރަން." ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ މިއަދު ރައްޔިތުންނަށް އަސާސީ ޚިދުމަތް ނުދެވިގެން އުޅޭ ސަބަބަކީ ސީދާ މުއިއްޒު ކަމަށެވެ. މިކަމް މިހެން މެދުވެރިވަނީ ރައްޔިތުންނަށްދޭ ޚިދުމަތްތައް ހަރުދަނާ ކުރުމުގެ ބަދަލުގައި މުއިއްޒުގެ ބޭނުމަށް ބަޖެޓް ތަޅާހުސްކުރާތީ ކަމަށާއި، މިކަން މިހިސާބަށް ގޮސްފައި މިވަނީ 'އަޗާތަޅަން' އުޅޭތީ ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.

ފުވައްމުލަކުގެ ފެނުގެ ވިއުގައަށް މައްސަލައެއް ދިމާވެ ސަޕްލައި ފެނުގެ ޚިދުމަތް މެދުކެނޑުނީ ހޯމަ ދުވަހުއެވެ. ނަމަވެސް މިހާރު މައްސަލަ ހައްލުކޮށް ފުވައްމުލަކުގެ އެކި ސަރަޙައްދުތަކަށް ފެން ދޫކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފެނަކައިން މިއަދު ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް