ސިނގިރޭޓް މައްސަލާގައި ހައްޔަރުގައިތިބި މީހުން
ސިނގިރޭޓް މައްސަލާގައި ހައްޔަރުގައިތިބި މީހުން
ކަސްޓަމްސްއިން ހިފަހައްޓައި އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓު ވަގަށް ނެގި މައްސަލާގައި ބިދޭސީއެއް ހައްޔަރު ކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، މިދިޔަ ބުދަ ދުވަހު ހައްޔަރުކުރީ ބަންގްލަދޭޝްގެ މުހައްމަދު އަލަމިން މިއާ، ކަމަށެވެ. އެއީ އެ މައްސަލާގައި ހައްޔަރުކުރި ފުރަތަމަ ބިދޭސީ މީހާއެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މައްސަލައިގެ ތަހުގީގުގައި، މިހާތަނަށް 10 މީހުން ހައްޔަރު ކޮށްފައިވާއިރު، 2025 އޮކްޓޯބަރ 19 ވަނަ ދުވަހު ތިލަފުށީގައި ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގައި ތިލަފުށީގެ ގިނަ ސައިޓްތަކެއް ބަލައި ފާސްކޮށް ވަގަށް ނަގާފައިވާ 2 ކޮންޓެއިނަރުގެ ބައިތައް ހޯދައި އެތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އޭޕްރިލް މަހުގެ 26ގައި ކަސްޓަމްސްއިން ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލުގައި ބަހައްޓާފައި ހުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައިހުރި 2 ކޮންޓޭނަރުގައި ސިނގިރޭޓް ނެތްކަން ފާހަގަވީ މިދިޔަ އޮކްޓޯބަރު މަހުގެ 8ވަނަ ދުވަހުގެ ރޭގައެވެ. އެ މައްސަލައިގައި މީގެކުރިން ހައްޔަރުކުރި ދެ ވިޔަފާރިވެރިންނަކީ، ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން 12 މީހަކު ފުރުން މަނާކުރި ނަމަވެސް އެ މީހުންގެ ތަފުސީލެއް ހާމައެއް ނުކުރެއެވެ. މައްސަލާގައި އެމްޕީއެލުން ވަނީ 6 މުވައްޒަފުން ސަސްޕެންޑް ކޮށްފައެވެ. އަދި ކަސްޓަމްސްގެ މުވައްޒަފަކު ޝާމިލުވާކަން ތަހުގީގަށް ހާމަވެއްޖެ ނަމަ، އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅާނެ ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.

މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް