ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ
ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ
ރައީސްގެ ވިސްނުންފުޅަކީ ދޮގުހަދައި ޕްރޮޕެގެންޑާ ޖައްސައިގެން ވެރިކަމުގައި ހުންނެވުން ކަމަށް ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ފުވައްމުލަކުގެ ފެނުގެ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލައަށް އިޝާރާތް ކުރަށްވަމުން މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ޙުސައިން ވިދާޅުވީ، ރައީސްގެ ކިބައިގައި ރައްޔިތުންނަށް ދިމާވާ ތަކުލީފާއި، އަސާސީ ހައްގުތައް ކަށަވަރު ކޮށްދިނުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

އަދި އެމަނިކުފާނުގެ މުޅި ވިސްނުންފުޅަކީ ދޮގުހެދުމާއެކު ޕްރޮޕެގެންޑާ ޖައްސައިގެން ވެރިކަމުގައި ހުންނެވުން ކަމަށް ޙުސައިން ވިދާޅުވެފައިވެއެވެ. ޙުސައިން ވަނީ އަސާސީ ހައްގަކުން ފުވައްމުލަކު ރައްޔިތުން މަހުރޫމުވެފައި ވާކަމަށްވެސް ވިދާޅުވެފައެވެ.

ޙުސައިން މިހެން ވިދާޅުވެފައިވާއިރު، ފުވައްމުލަކުން ފެން ކަނޑާލުމަށްފަހު ފެން ދޫކުރަން ފެށި ފަހުން ގޭގެއަށް ލިބެމުންދަނީ ސާފުނޫން، ކިލަނބު ފެން ކަމަށާއި އެ ފެނުން ވަސް ދުވާ ކަމަށް ބުނެ އެ ރަށުގައި ދިރިއުޅޭ މީހުން އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ. ފުވައްމުލަކު ސިޓީ ކައުންސިލުން ވެސް ވަނީ ފެނުގެ ރައްކާތެރިކަން ކަށަވަރުނުވާ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

ފުވައްމުލަކުގައި މިހާރު ދޫކުރާ ފެނުގެ ފޮޓޯ އަދި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެ ފޮޓޯތަކުން ފެންނަ ގޮތުގައި މިހާރު އެ ރަށަށް ދޫކުރަމުންދާ ފެން ހުރީ ވަރަށް ބޮޑައް ކިލަނބުކޮށެވެ.

ފުވައްމުލަކުގެ ފެނުގެ ނިޒާމަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ، ފެން ތަޣައްޔަރުވުމުން ރަށުން ފެން ކަނޑާލީ ނޮވެމްބަރު 10، 2023 ގަ އެވެ. އަލުން ފެން ދޫކުރަން ފެށީ އޭގެ ހަތަރު ދުވަސް ފަހުންނެވެ. ފުވައްމުލަކު ފެނުގެ ނިޒާމުގައި މައްސަލަ ޖެހެން ފެށީ ލޮނުފެން، ސާފު ފެނަށް ބަދަލުކުރަން ބޭނުންކުރާ ސިސްޓަމުގެ ބައިތަކަކަށް ގެއްލުންވުމާއި، ފެނުގެ ނެޓްވޯކުގެ އެހެން ބައިތަކަށް ވެސް އެކި ވަރުގެ ގެއްލުންވުމާއި ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އަދި ފެނުގައި ހުންނަ ބެކްޓީރިއާ ނައްތާލާ ބައެއް ކެމިކަލް ރަށުގައި ނެތިގެން ފެން ތަޣައްޔަރު ވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް